އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރާޖަޕަކްސަ މިވަގުތު ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގާތްގުޅުމެއް އޮންނަ މީހެއްގެ ރިސޯޓެއްކަމަށްވާ އިތާފުށި ރިސޯޓުގަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އޭނާ ހިމާޔަތް ހޯދަވާނީ ސިންގަޕޫރުން ނެވެ. ސިންގަޕޫރަށް ކުރިއަށް އޮތް އަށް ގަޑިއިރުތެރޭ ގޮޓަބަޔާ ފުރާވަޑައިގަންނަވާނެ ކަމަށްވެސް ވެއެވެ. އޭނާ ފުރާވަޑައިގަންނަވާނީ ސިންގަޕޫރު އެއާލައިން އެސްކިއު 437 ފްލައިޓުން ނެވެ.
ލަންކާގެ ރައީސް ގައުމު ދޫކޮށް ރާއްޖެ ވަޑައިގެންއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލްގެ ގެކޮޅު އަދާ އަޅިއަށް ހެދުމުން، ގޮޓަބަޔާ ވަނީ މިއަދު އިސްތިއުފާ ދެއްވާނެކަމަށް އެދުވަހު ވިދާޅުވެފަ އެވެ.
އެކަމަކު އިސްތިއުފާ ދޭން އެއް ދުވަހަށް ވެފަވަނިކޮށް، އިއްޔެ ގޮޓަބަޔާ އޭނާގެ އަނބިކަބަލުން ލޯމާ އާއެކު ވަނީ ގައުމު ދޫކޮށްދާން މަސަައްކަތްކޮށްފަ އެވެ. އެފުރުސަތު ނުލިބުމުން ރޭ އަސްކަރީ މަރުކަޒެއްގަ ތިއްބެވުމަށްފަހު، މިއަދު ވަނީ ދެ ބޮޑީގާޑުންވެސް ހިމެނޭހެން އަސްކަރީ ޖެޓެއްގަ ރާއްޖެ އައިސްފަ އެވެ.
އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލަވާ ވަޑައިގަތީކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ލަންކާގެ އެއާޕޯސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ދަތުރުފުޅަކީ އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، އުސޫލުތަކާ އެއްގޮތަށް އިންތިޒާމުވެގެން ދިޔަ ދަތުރެއް ކަމަށެވެ.
އަދި "ސީއެންއެންއެން" އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފަވާ ގޮތުން ރާއްޖޭގައި އެ ބޯޓު ޖެއްސުމުގެ ހުއްދަ ނުދީވަނިކޮށް، އެ ހުއްދަ ދިނުމަށް އަންގާފަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
އެމްޑީޕީ ފުރަތަމަ އުފެދުނުއިރު ކޮޅުބަށް އަރުވާލެވިގެން ތިބި ދުވަސްވަރު، ލަންކާއިން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާ، އެމްޑީޕީގެ ގިނަ މެމްބަރުންނަށް ހިމާޔަތް ދިނެވެ.