ފްލައިމީގެ ފުލައިޓް ނަމްބަރު VP610 މާލެއިން ފުރީ މިރޭ 18:00ގަ އެވެ. އެ ފްލައިޓް މާމިގިލީ އެއާޕޯޓަށް ޖައްސަން ތިން ފަހަރު މަސައްކަތް ކުރި ނަމަވެސް އެކަން މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކާމިޔާބު ނުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލައިޓް މިރޭ 21:05 ގައި އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓް ކުރީ، 21:00 ގައި ވެސް މާމިގިއްޔަށް ޖައްސަން އުޅެ އެކަން ކާމިޔާބު ނުވުމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށް ޑައިވާޓް ކުރި ފްލައިމީގެ VP610 ފުލައިޓް އެއާޕޯޓަށް ޖެއްސީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މިއަދު ބައެއް އެހެން ފުލައިޓް ތައްވެސް ވަނީ ޑައިވާޓް ކޮށްފަ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި އިންޓަނޭޝަނަލް ފުލައިޓް ތައްވެސް މިއަދު ވަނީ އެހެން އެއާޕޯޓް ތަކަށް ޑައިވާޓް ކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ގިނަ ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނަ އިރު، މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު ސަމާލުވެސް ނެރެފަ އެވެ.