ads
އަނިޔާ ލިބުނު މީހާ
"ފުލުހުން ހިމާޔަތެއް ނުދިން، އަނިޔާ ކުރީ ފުލުހުންގެ ކުރިމަތީ"
މިމަހުގެ 14 ވަނަ ދުވަހު ކ. ދިއްފުށީގައި ކުޑަކުއްޖަކާއި ބެހުނު ކަމަށް ބުނެ އެރަށު ރައްޔިތުން އަނިޔާ ކުރީ، ފުލުހުންގެ ކުރިމަތީގައި ކަމަށް އަނިޔާ ލިބުނު މީހާ ބުނެފި އެވެ.
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދިއްފުށީ ބަޔަކު އަނިޔާ ކުރި މީހާ އަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ވެފަ އެވެ. އެގޮތުން އޭނާގެ މޫނު މަތި ދުޅަވެފައި ވާއިރު އެނާގެ ވާތު ލޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. 

އަނިޔާ ލިބުނު މީހާގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާއިރު، އޭނާ ވަނީ މިއީ އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާގެ އާއިލާ މީހުން ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ގައިގައި އެރަށު ބަޔަކު ތަޅަމުން ދިޔައިރު އެތަނުގައި ތިބި ފުލުހުން އޭނާއަށް ހިމާޔަތް ދީފައި ނުވާކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

"ފިހާރައެއްގެ ތެރޭގައި ހުއްޓާ ފުރަތަމަވެސް އައިސް ތަޅަން ފެށީ. އަހަރެން އެހީ ކިހިނެއް ވެގެންހޭ ތިއުޅެނީ. އެމީހުން ބުނީ ކީއް ކޮށްފަހޭ ތިޔައީ. އަހަރެން ބުނިން ކަމެއް ނުކުރަމޭ. އެމީހުން ބުނީ ކަލޭ ތިހުރީ ކުޑަކުއްޖަކާ ބެހިފައޭ. އަހަރެން ބުނިން އަހަރެން އެއްވެސް ކުއްޖަކާ ނުބެހެމޭ. ބުނީމާ ބުނީ ނޫނެކޭ އެކުއްޖާވެސް ބުންޏޭ އަހަންނޭ ބެހުނީ. އެހެން ކިޔާފަ މަގުމައްޗަށް ނެރެ އަހަރެން ގާގަ ތަޅަން ފެށީ." އަސަރާއި އެކު އެމީހާ ވާހަކަ ކިޔައިދިނެވެ.

 

އޭނާއަށް އަނިޔާ ކުރަމުން ހޮސްޕިޓަލާއި ހަމައަށް ގެންގޮސް، ހޮސްޕިޓަލަށް ވައްދާ ކުއްޖާއާއި ބެހުނު ކަމަށް އެއްބަސްވުމަށް އޭނާއަށް އަނިޔާ ކުރި މީހުން ބުނި ކަމަށާއި، އެކަމަށް އެއްބަސް ނުވުމުން ހޮސްޕިޓަލުން ނެރެ އަނެއްކާވެސް އޭނާއަށް އަނިޔާ ކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް އަނިޔާ ކުރަމުން ދަނިކޮށް ފުލުހުން އެތަނަށް އައިސް ކޮންމެވެސް ވަރަކަށް އެމީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް ކުޑަ ވަގުތުކޮޅަކަށް ފަހު އަނެއްކާވެސް އޭނާއަށް އެމީހުން އަނިޔާ ކުރަން ފެށިކަމަށް އޭނާ ބުންޏެވެ. 

"އަނިޔާ ކުރަމުން ދިޔަ އިރު ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ޑޮކްޓަރުން ވެސް ތިބި. ފަރުވާއެއް ދޭކަށް އެމީހުން ނޫޅޭ. އޭގެ ފަހުން ހޮސްޕިޓަލަށް ވެއްދި އިރު އެތަނުގައި ޕޮލިސް ސާޖަންޓެއް ހުރި. ނޭނގޭ ކޮން ރަށެއްގެ މީހެއްކަމަށް އެއީ. ވަރަށް ހަށިގަނޑުން ބިޔަކޮށް ހުރި މީހެއް އެއީ. އެ ޕޮލިސް ސާޖަންޓް ބުނީ ކަލޭ ހީނުކުރައްޗޭ، ކަލޭ ބޭނުންހާ ގޮތެއް ހެދޭނެ. ތިމަންނަމެންގެ ހިސާބެ މިއީ. ތިމަންނަމެންގެ ސަރަހައްދޭ މިއީ. މިރަށުން ކަލޭ ދާނީ ސްޓްރެޗަރެއްގައޭ. އެގޮތަށް އެރަށުން ގެންދިޔައީ ވެސް. އޭނަ ބުނި ސްޓްރެޗާގަ ދާނީ ވެސް ތިމަންނަމެންގެ އަތްދަށަށޭ. ހޭ އަރުވާލާނަމޭ" ވީޑިއޯގައި އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނީ، އިތުރު ފުލުހެއްގެ ކިބައިން ފޯނު ކޯލަކަށް އެދުމުން އެކަމަށް ވެސް ހުރަސް އެޅި ކަމަށާއި، ހޮސްޕިޓަލްގައި ތިބި މީހުންގެ ކައިރިން ފަރުވާ ހޯދުމަށް އެދުމުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށެވެ. އަދި ފަރުވާ ހޯދުމަށް އެހެން ތާކަށް ދިއުމަށް ބުނި ކަމަށް އޭނާ ބުންޏެވެ.  

"ދެން އަނެއްކާވެސް އަނިޔާ ކުރި މީހުން އަންނަނީ. އޭރު ހޮސްޕިޓަލް ބޭރުގައި ތިބި ރަށު ރައްޔިތުން. އޭރު އަހަރެން ކުއްޖާއާ ބެހުނު ކަމަށް އެއްބަސްވެއްޖެ ކަމަށް ބުނެ ދޮގު ހަބަރު ފަތުރާފަ އޮތީ. އޭރު ރަށު ރައްޔިތުން ތިބީ ހޫނު ވެފަ. ލެޔަށް ފެންބޮވައިގެންފަ. އެމީހުންނަކަށް ނޭނގެ އޭރު ހަގީގަތެއް. ފުލުހުން ބޭރުގަ ތިއްބާ ފުލުހުންގެ ސަފު ފޫއަޅުވާ އަނެއްކާވެސް އަނިޔާކުރި މީހުން ވަދެ ހޮސްޕިޓަލުގެ ލައިޓް ނިއްވާފަ އަހަރެން ދަމާ ގެންދިޔައީ. މަގުމައްޗަށް ނެރެ އަހަރެންގެ ގައިގައި ތަޅަމުން ތަޅަމުން ގޮސް އަހަރެން ހޭ ނެތުނީ. އޭރު އޮތީ ބޮކްސާ މަތީގަ."

އޭނާއަށް ހޭ ވެރިކަން އައީ އަންހެނުން އައިސް ގޮވުމުން ކަމަށާއި، އޭރުވެސް އޭނާއަށް އަނިޔާ ކުރަމުން ދިޔަ ކަމަށް އެމިހާ ބުންޏެވެ. އޭރު އޭނާއަށް އެމީހުން އަނިޔާ ކުރަމުން ދިޔަތާ ތިން ގަޑިއިރު ވެދާނެ ކަމަށާއި، ފަރުވާއެއް ލިބުނީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން މާލެއިން އެރަށް ދިޔަ ފުލުހުންގެ ހިމާޔަތުގެ ދަށުން މާލެ އައި ކަމަށް އެމީހާ ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. އެހެންނަމަވެސް ފުލުހުން މީގެ ކުރިން ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގެ އިތުރުން އެކަން ކުރިކަމަށް ތުހުމަތުކޮށް މީހަކަށް އަނިޔާކުރި މައްސަލަވެސް ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

18%
ކަމުގޮސްފި
47%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް