ދިއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ މީހާ އަށް އަނިޔާކޮށް މަގުމަތީގައި އެމީހާ ބަރަހަނާކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އެދުވަހުގެ އިރުއޮއްސި 18:30 ގައި ކަމަށާއި، އެ ސަރަހައްދަށް ފުލުހުން ދިއުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށުގެ ގިނަ ބަޔަކު ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ހައްލުކުރެވުނީ މާއެއިން އިތުރަށް ފުލުހުން އެރަށަށް ގެނެސްގެން ކަމަށާއި، އެ މައްސަލައިގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް ތަކުރާރުކޮށް ހަމަލާދިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މި ކަމުގައި ތުހުމަތު ކުރެވޭ މީހާ މާލެ ގެނެސް އައިޖީއެޗް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.