ދުވާފަރު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ގުޅޭ ގޮތުން އެލްޖީއޭއިން ވަނީ ތަފްސީލީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި އެރަށު ކައުންސިލާއި، އެރަށު ޑަބްލިއުޑީސީއިން މާލިއްޔަތު ގަވައިދުގެ އިތުރުން ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަށް ގިނަ ކަންކަން ކޮށްފައި ހުރިކަން ވަނީ ފާހަގަ ކޮށްފަ އެވެ.
އެލްޖީއޭއިން ނެރެފައިވާ ރިޕޯޓުގައި، ކައުންސިލުން އެއްވެސް ވަރަކަށް ލިޔެކިޔުމެެއް ނަހަދާ ދެ މިލިއަނެއްހާ ރުފިޔާ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ބަހާފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު އަލިފުޅަށް އެކަށީގެންވާ ލިޔެކިޔުންތައް ނެތި 711،617 ރުފިޔާ ދީފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ ވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަން އެލްޖީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ބަހަން ބޭނުންވާ 45،000 ރުފިޔާ ދީފައިވަނީ، ، ކައުންސިލް މެމްބަރު ޒުހާދު އާދަމް އަށް ކަމަށާއި، އޭނާ އާއި ހަވާލު ކުރި ނަގުދު ފައިސާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
އުސޫލުތަކާއި ހިލާފަށް ފައިސާ ދީފައިވާ އިތުރު ފަރާތްތައް:
- ކައުންސިލް މެމްބަރު މުހައްމަދު ޝާމް: 447،837 ރުފިޔާ
- ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު: 252،048 ރުފިޔާ
- ކައުންސިލް މެމްބަރު މުހައްމަދު ޒުހާދާ އާދަމް: 181،666 ރުފިޔާ
- ކައުންސިލް މެމްބަރު މުހައްމަދު ނާސިހު: 165،200
މީގެ އިތުރުންވެސް ލައްކަ އަކަށްވުރެ ގިނަ ރުފިޔާ އިތުރު ކައުންސިލަރުންނާއި ކޮންޓްރެކްޓް މުވައްޒަފުންނަށް އެކަމާއި ގުޅޭ މާގިނަ ތަފްސީލެއް ނެތި ޖަމާކޮށްފައި ވާކަންވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެލްޖީއޭއިން ވަނީ ޖުމްލަ 34 ކަމެއް ފާހަގަ ކޮށް އެކަންކަން އިސްލާހު ކުރުމަށް އަންގާފަ އެވެ.
އެލްޖީއޭއިން ރިޕޯޓެއް ނެރުމާއި ގުޅިގެން ދުވާފަރު ކައުންސިލުން ވަނީ އެ ރިޕޯޓަކީ ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ބުނެފަ އެވެ. އަދި މިކަމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު އެލްޖީއޭއިން މުއްދަތް ހަމަނުވަނީސް ރިޕޯޓު އާއްމު ކުރި ކުރުންވެސް އެ ކައުންސިލުން ވަނީ ކުށްވެރި ކޮށްފަ އެވެ.