ads
ރައީސް ގޮޓަބަޔާ ރާޖަޕަކްސަ
ގޮތަބަޔާ ރާޖަޕަކްސަ އުޅުއްވަނީ ފިއްލަވައިގެންނެއް ނޫން، ވަރަށް އަވަހަށް އެނބުރި އަންނާނެ
ސްރީ ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައިވާ އެގައުމުގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި، ވަރަށް އަވަހަށް އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް، ލަންކާގެ ކެބިނެޓުގެ ތަރުޖަމާން، ބަންޑޫލާ ގުނަވަރުދަނަ ބުނެފި އެވެ.
Advertisement

ލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް ސިއްރިއްޔާތުގައި ދިވެހި ރާއްޖެއަށް އައިސް ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ރައީސް ކަމުން ގޮތަބަޔާ އިސްތިއުފާ ދެއްވީ، މިމަހުގެ 14 ވަނަ ދުވަހު އެވެ. 

އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ ސިންގަޕޫރުގަ އެވެ. އެހެން ނަމަވެސް ސިންގަޕޫރުގެ ސަރުކާރުން ވަނީ ވީ އެންމެ އަވަހަކަށް އެގައުމު ދޫކުރައްވާ ގޮތަބަޔާ ވަޑައިގަތުމަށް އަންގާފަ އެވެ. 

އެގައުމުގެ ރައްޔިތުން ބުނާ ގޮތުންނަމަ ގޮތަބަޔާ ވަނީ އެގައުމުން ގިނަ އަދަދެއްގެ ފައިސާ އާއި ހަރުމުދާ ހޯދާފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބޮޑެތި ކޮރަޕްޝަންގެ ކަންކަން ކުރައްވާފައި ވާކަމަށާއި، ނުހައްގުން މުއްސަނދިކަން ހޯއްދަވާފައި ވާކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު ތެރެއިން 17 މިލިއަން ލަންކާ ރުޕީސް ވަނީ ހޯދާފަ އެވެ. 

މިއަދު ލަންކާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން، އެގައުމުގެ ކެބިނެޓުގެ ތަރުޖަމާން، ބަންޑޫލާ ގުނަވަރުދަނަ ބުނީ، ގޮތަބަޔާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި، ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ސަރުކާރުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުވާ ކަމަށް ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން ލަންކާ ރައްޔިތުން ވަނި އެގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހަގެ ސަރުކާރަށް ފާޑުކިޔަން ފަށާފަ އެވެ. 

އެގޮތުން ގައުމު އެއްކޮށް ހަލާކުކޮށްލާ ފިލައިގެން އުޅޭ މީހަކަށް އެއްވެސް ރައްކާތެރިކަމެއް ދޭން ނުޖެހޭނެ ކަމަށާއި، ގޮތަބަޔާ ގައުމަށް ގެނެސް އަދުލުވެރި ތަހުގީގެއް ކުރަންޖެހޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ރަނިލް އަކީ ގޮތަބަޔާ އަށް ވާގިވެރިވާ މީހެއް ކަމަށާއި، އެހެން ކަމުން ގޮތަބަޔާ އަށް އަލުން ސަރުކާރުގެ މަގާމެއް ދޭން ރާވަމުން އަންނަ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް