ads
މުހައްމަދު ހުސައިން / ފޮޓޯ ޕޮލިސް
ޔޯގާ ހަރަކާތް ހުއްޓުވަން ވަތް މީހަކު ހައްޔަރު ކުރީ ރަނގަޅަށް
ޔޯގާ ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަތް މީހަކު ފަސް ދޮޅަސް ދުވަހަށް ހައްޔަރު ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ހައިކޯޓުން މި ގޮތަކަށް ކަނޑައެޅީ، މިދިޔަ ޖޫން މަހުގެ އެކާވީސްވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ހއ. ތުރާކުނު ގްރީންހައުސް މުހައްމަދު ހުސައިން، އޭނާ ހައްޔަރު ކުރި ކުރުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުންނެވެ. ހައިކޯޓުން މި މައްސަލައިގެ ހުކުމް މިއަދު އިއްވިއިރު، ހައިކޯޓުން ބުނެފައިވަނީ މުހައްމަދު ހުސެއިން ހައްޔަރުކޮށްފައިވާ ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ބަދަލެއް ގެންނަން ޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މުހައްމަދު ހުސައިނަކީ، ބައިނަލް އަގްވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރާ އިންޓަރނޭޝަނަލް ޑޭ އޮފް ޔޯގާ 2022 ފާހަގަ ކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު، ހެނދުނު ގަލޮޅު ދަނޑުގައި، ރާއްޖޭގައި ތިއްބަވާ ބޭރުގެ ހައިކޮމިޝަންތަކުގެ ވެރިންނާއި ސަރުކާރުގެ ވެރިން އަދި އާއްމުން ބައިވެރިވި ހަރަކާތް ހިނގަމުންދަނިކޮށް އެ ތަނަށް ގަދަކަމުން ވަދެ، ޔޯގާ ހަރަކާތުގައި ބައިވެރިވި އާއްމުންނާ ކުރިމަތިލައި މާރާމާރީ ހިންގައި އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަ ނުޖެހުން ހިންގައި އަދި ފުލުހުންނާ ކުރިމަތިލައި ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހެކެވެ.

މުހައްމަދު ހުސެއިން ހައްޔަރުކޮށްފައިވަނީ، ޖޫން މަހުގެ އެކާވީސްވަނަ ދުވަހުން ފެށިގެން ފަސް ދޮޅަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓް މަހުގެ އެކާވީސްވަނަ ދުވަހުއެވެ. 

މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީއާ، ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. މައްސަލައިގެ  ރިޔާސަތު ބެލެހެއްޓީ އިސްފަނޑިޔާރެވެ. ހުކުމްކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް