އެއާޕޯޓް ސަރަހައްދުގައި ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިވަގުތުވެސް މުޒާހަރާކޮށް އަޑު އުފުލަމުންނެވެ.
މުޒާހަރާގެ ބައިވެރިން އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ކުރާތީ ފުލުހުން ވަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެެއްޓުމަށް ސަފުތައްވެސް ހަދާފަ އެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވީ ރޭ ކުރަން ފެށި މުޒާހަރާ ހޫނުވެ މިއަދު އެއާޕޯޓުގެ ނުކުންނަ ދޮރު ނުނިމުމެވޭނެހެން ޓިނުޖަހައި ބަންދުކޮށްފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ މުޒާހަރާ ކުރަން ނުކުތް ފަރާތްތަކާއި ފުލުހުންނާއި ވަރުގަދަ ކުރިމަތިލުންތަކެއް ދާ ކަމަށާއި، އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބާރުގެ ބޭނުން ކުރުމަށް ޕެޕަ ސްޕްރޭވެސް ޖަހަމުން އަންނަ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެރަށުގެ ރަށްޔިތުންގެ ޑިމާންޑަކީ އެރަށުގައި ގާއިމުކޮށްފައިވާ އެއާޕޯޓުން ހާލުބޮޑު ބަލިމީހުންނަށް ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ އަށް އެރަށުގައި އޮންނަ މަންތާ އެއާޕޯޓުގެ އިސް ވެރިންނާ އި ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކާއިމެދު މީގެ ކުރިންވެސް ވާހަކަ ދައްކަމުން އަންނަ ކަމަށާއި، މިހާތަނަށް ހައްލު ލިބިފައި ނުވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުންނާ ދިމާލަށް އެއްވެ ތިބި ފަރާތްތަކުން ދަނީ ގަލާއި ވެލި އުކަމުންނެވެ.
ބަލިމީހުން ނުގެންދެވޭނަަ އެއާޕޯޓަށް އަންނަ ފަތުރުވެރިން ގޮވައިގެން ދާ ބަސް އަދި މުއައްޒަފުންނަށްވެސް ނުނިކުމެވޭ ގޮތަށް މުޒާހަރާގެ ބައިވެރިން ރޭ ވަނީ މަގު މަތީގައި ވަޅުގަނޑުތަކެއް ކޮނެފަ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ބަލި މީހުން ނުގެންގޮސްދެވޭ ނަމަ އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ނުދެވޭނެ ކަމަށާއި، އެއާޕޯޓުގައި މަސައްކަތް ކުރާ މުއައްޒަފުންނަށްވެސް ނުދެވޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށު ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ކިޔާ މީހަކަށް ކުއްލި ހާޓް އެޓޭކެއް ޖެހުމުން އެމަނޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއެޅުމާއި ގުޅިގެންނެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ރޭ ވިދާޅުވީ މަންތާ އެއާޕޯޓުން ބަލިމީހުން ގެންގޮސް ދިނުމުގެ މައްސަލަ އާއި ގުޅޭގޮތުން ހާލުބޮޑު ބަލި މީހުން ފްލައިޓް ތަކުން ދަތުރު ނުކުރެވޭނެ ކަމަށާއި، އެފަދަ އިންތިޒާމުތައް ބޯޓުގައި ހަމަޖެހިފައި ނެތް ކަމަށް އެއާޕޯޓުން އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ.