އެޗްޑީސީއިން މި މައްސަލަ ހައްލު ކުރުމަށް ފަށާފައި ވާއިރު، ވިއްސާރަ ދުވަސްވަރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ފުލެޓުތަކުގެ ކުޑަދޮރު ކައިރިން ފެން ވަންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު ވަނީ އެޗްޑީސީއަށް ހުށަހަޅާފަ އެވެ. އަދި އެކަމުގެ ސަބަބުން ބައެއް ތަކެއްޗަށް ގެއްލުން ވަމުން އަންނަ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހިޔާ ފުލެޓުގެ ކުޑަދޮރުން ފުލެޓު ތެރެއަށް ފެން ވަންނަ މައްސަލަ ހައްލު ކުރުމަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނުނު 08:00 އިން ފެށިގެން ހަވީރު 05:30 އާއި ހަމައަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އެހެން ކަމުން ހިޔާ ފުލެޓުތަކުގެ އެޗް14، އެޗް1 އަދި އެޗް16 ގައިވާ އެޕާޓްމަންޓު ތަކަށް ވަދެވޭނެ ގޮތް، އަދި ކުޑަދޮރު ކައިރީ މަސައްކަތް ކުރެވޭޏެ އިންތިޒާމް ހަމަޖައްސާފައި ބެހެއްޓުމަށް ވަނީ އެދިފަ އެވެ.
ހިޔާ ފުލެޓު ތެރެއަށް ފެން ވަންނަ މައްސަލަ ހައްލު ކުރުމަށް އެޗްޑީސީއިން ފަށާފައި ވާއިރު، އެޗްޑީސީއިން ދަނީ އެ ފުލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން އެޗްޑީސީއިން ވަނީ، ބައެއް ފުލެޓު ތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ.