ads
ޓީއެމްއޭގެ ސީޕްލޭންތަކެއް
ޓާމިނަލްގައި ލައުންޖު ހިންގައިގެން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ނެގިގެން ނުވާނެ: މަންޓާ އެއާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާ ސީޕްލޭން ޓާމިނަލްގައި ލައުންޖު ހިންގަން ޓީއެމްއޭއަށް ނުވަތަ އެހެން އޮޕަރޭޓަރުންނަށް ދިނުމުގެ ބަދަލުގައި ޑެޑިކޭޓެޑް ލައުންޖުތައް ހިންގަން ރިސޯޓްތަކަށް ދޫކޮށްލުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް މަންޓާ އެއާއިން ބުނެފި އެވެ.
Advertisement

މަންޓާ އެއާ އިން މިހެން ބުނެފައި މިވަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ދިނުމަށް އެމްއޭސީއެލް އިން ނިންމާފައިވާތީ ޓީއެމްއޭއަށް ދޫކުރި ސަރަހައްދުގެ ބޮޑު ބައެއްގައި ޑެޑިކޭޓެޑް ލައުންޖު ހަދައިގެން ޓީއެމްއޭ އަށް ބޮޑު ފައިދާއެއް ނެގޭ ގޮތަށް އޮތުމުން އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މަންޓާ އެއާގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. 

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖު ތަކަކީ އެމްއޭސީއެލް އިން ރިސޯޓްތަކަކާ އެކު ހަދާ އެއްބަސްވުންތަކެއްގެ ތެރެއިން ސީޕްލޭން ޓާމިނަލް ތެރޭގައި ލައުންޖު ހިންގަން ބޭނުންވާ ރިސޯޓްތަކަށް ސަރަހައްދުތަކެއް ކުއްޔަށް ދީގެން އެ ރިސޯޓުގެ ބައެއްގެ ގޮތުގައި ހިންގިދާނެ ތަންތަން ކަމަށެވެ. އޭރުން އެފަދަ ލައުންޖުތަކުގައި ރިސޯޓުތަކުން ހިދުމަތްދޭ ފެންވަރުގައި މުހިއްމު ގިނަ ހިދުމަތްތަކެއް ޕެސެންޖަރުންނަށް ލިބޭނެ ކަމަށާއި އަދި އެ ލައުންޖުތަކުން ކޮންމެ މަހަކު އެމްއޭސީއެލްއަށް ރަނގަޅު ކުއްޔެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. 

ހަލީލް ވިދާޅުވީ އެމްއޭސީއެލް އިން ހުރީ ޓާމިނަލްގެ ހަތަރުފާރު ރާނާފައި ކަމަށްވާތީ ޓާމިނަލްގެ ބޮޑު ސަރަހައްދެއް ޓީއެމްއޭ އަށް ދީގެން ޓީއެމްއޭއިން އެތަނުން ބައެއް ތަންތަނުގައި ޑެޑިކޭޓެޑް ލައުންޖުތައް ހަދަން ބޮޑު ކުލީގައި ރިސޯޓުތަކަށް ދޫކޮށްލައިގެން ޓީއެމްއޭ އަށް ބޮޑު ފައިދާ ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. ޓީއެމްއޭ އިން އެކަން ކުރާ ގޮތަށް އެމްއޭސީއެލްއަށް ވެސް އެކަން ކުރެވޭނެ ކަމަށާއި އެއީ ދައުލަތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ. 

އެމްއޭސީއެލް އިން ލައުންޖު ހަދަން ރިސޯޓްތަކަށް ބިން ދިނުން ފިޔަވާ އެ ކުންފުނިން ކުރަންޖެހޭ މާބޮޑު މަސައްކަތެއް އެ ވިޔަފާރީގައި ނެތުމުން އެއީ އެމްއޭސީއެލް އަށް ހަރަދު ކުޑަ ގޮތަކަށް ވެފައި އަދި އެއީ ސީޕްލޭން ޓާމިނަލް ވަކި ބަޔަކު ކޮންޓްރޯލް ކުރާ ކުރުން ނިމުމަކަށް ގެނެވޭނެ ގޮތެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިގޮތަށް އެމްއޭސީއެލް އިން އަމަލުކޮށްފިނަމަ ލައުންޖުތައް ތަރައްގީކުރާނީވެސް ރިސޯޓުތަކުން ކަމަށާއި އެތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވެހިކަލްއާއި ކާތަކެއްޗާ އެފަދަ ހުރިހާ ވަސީލަތެއް ހޯދާނީ ވެސް އެ ރިސޯޓަކުން ކަންވެސް ހަލީލް ވަނީ ފާހަގަކުރައްވާފަ އެވެ. 

ހަލީލް ވިދާޅުވީ ރިސޯޓްތަކުން ހަދާ މަތީ ފެންވަރުގެ ޑެޑިކޭޓެޑް ލައުންޖުތަކުން ހިދުމަތް ހޯދަން ބޭނުން ނުވާ ޕަސިންޖަރުންނަށް އިތުރު ލައުންޖެއް ހަދަން އޮޕަރޭޓަރުންނަށް ފުރުސަތު ދިނުމަކީ ވެސް ރަނގަޅު ގޮތެއް ކަމަށެވެ. އެ ނޫން ގޮތަކަށް ޓާމިނަލްގައި ލައުންޖު ހިންގަން އޮޕަރޭޓަރުންނަށް ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. 

މާލިއްޔަތު ކޮމިޓީއަށް ޓީއެމްއޭގެ ބޭފުޅުން މީގެކުރިން ހާޒިރުވެ ދެއްކެވި ބައެއް ވާހަކަތަކަށް ވެސް ހަލީލް ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ސީޕްލޭން ޓާމިނަލުން ޓީއެމްއޭގެ އިތުރުން އެހެން އޮޕަރޭޓަރުންނަށް ވެސް ޖާގަ ދިނުމަށް ލަފާ ދެއްވި ކަމަށް ޓީއެމްއޭގެ އިސްވެރިން ވިދާޅުވި ވާހަކަތަކާއި ގުޅިގެން ހަލީލް ވަނީ ޓީއެމްއޭގެ އިހްލާސްތެރިކަމާ ދޭތެރޭ ސުވާލު އުފައްދަވާފަ އެވެ. 

ހަލީލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ ޖާގަތައް އޮޕަރޭޓަރުންނަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން ބޭއްވި ބައްދަލުވުމަކަށް މަންޓާ އެއާ އާއި ފްލައިމީ ހާޒިރުކުރުމުން އެ ދެ އޮޕަރޭޓަރުން އެ ބައްދަލުވުމަށް ގެންދަންޖެހޭ ސަބަބެެއް ނެތް ކަމަށް ވިދާޅުވެ ޓީއެމްއޭގެ އިސްވެރިން ވާހަކަދެއްކެވި ކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލް އަކީ ޓީއެމްއޭ އިން ހެދި ތަނެއް ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނީގެ އިސްވެރިން ވާހަކަދެއްކެވި ކަމަށްވެސް ހަލީލް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމާ ގުޅޭގޮތުން އެމްއޭސީއެލް އިން އީމެއިލް މެދުވެރިކޮށް ވެސް މަންޓާ އެއާ އާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އާ ޓާމިނަލް ހިންގާނީ ގިނަ އޮޕަރޭޓަރުންނަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް އެމްއޭސީއެލް އިން އަބަދުވެސް ބުނަމުން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ. 

ހަލީލް އިތުރަށް ވިދާޅުވީ މަންޓާ އެއާގެ ބޯޓަކަށް ދާދިފަހުން ދިމާވި މައްސަލައަކާއި ގުޅިގެން އަގެއް ނަގައިގެން އެ މައްސަލަ ހައްލުކޮށްދިނުމަށް ޓީއެމްއޭ އިން ގެންގުޅޭ ފެސިލިޓީގައި ހިދުމަތް ހޯދަން އެދުމުން މަންޓާ އެއާ އަދި ފްލައިމީ އަށް އެ ކުންފުނިން އެފަދަ ހިދުމަތެއް ނުދޭން ޓީއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނި ކަމަށެވެ. އެއީ ސީޕްލޭންގެ ހިދުމަތް ރާއްޖޭގައި އެއް ފަރާތަކުން ކޮންޓްރޯލް ކުރާތީ ދިމާވާ މައްސަލައެއް ކަމަށާއި އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަަށްވެސް ހަލީލް ވަނީ ވިދާޅުވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް