
ތިން އަހަރަށް ފަހު ރޭ ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާގެ ބޮޑުބައެއް ވީތަން އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އަދީބު ލުތުފީ ކައިރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ހުރިތަން ބުނިކަމަށް ބުނެ އެއް ދުވަހު އައިސް އެވާހަކަ ހިއްސާ ކުރި ކަމަށެވެ. އަދި އެފައިސާތައް ދޭން އަދީބު އެއްބަސްވަނީ އޭނާ އެތަނަށް ގެންދިއުމުން ކަމަށް ލުތުފީ ކައިރީ އަދީބު ބުނިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެން ނަމަވެސް އަދީބު ބުނިގޮތަށް ސިންގަޕޫރަށް އަދީބު ފޮނުވުމަށް އޭރު އެއްބަސްނުވީ ކަމަށާއި، ސަބަބަކީ އެތަނަށް އަދީބު ދިޔަ ނަމަ އަދީބުވެސް އަދި އެ ބުނާ ފައިސާތައްވެސް އަނބުރާ ހޯދޭނެ ކަމުގެ ޔަގީންކަން ނެތުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، އަދީބު އޭރު ދެއްކި ވާހަކަތައް ލުތުފީ ގަބޫލު ކުރި ކަމަށާއި، އެހެން ކަމުން ސިންގަޕޫރުގެ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން އެ ފައިސާތައް ހޯދުމުގެ މަސައްކަތް ކުރުމަށް ލުތުފީއަށް އޭރު އިރުޝާދު ދެއްވި ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދެން ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުން ހައްޔަރު ކުރުމަށްވުރެ ގެއްލުނު ފައިސާ ހޯދުމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އަދީބު އެބުނާ ފައިސާ އެތަނުގައި ހުރި ނަމަ އެފައިސާވެސް ހޯއްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.