ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަފްލާގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުމާއި، ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާއަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ވިދާޅުވީ ބްރިޖަކީ ހަމައެކަނި ދަގަނޑާއި ސިމެންތިން ހަދާ އެއްޗެއް ނޫން ކަމަށާއި، އެއީ މީހުންނާއި، މުޖުތަމައުތައް އަދި ގައުމުތައް ގުޅުވައިދޭ ވަސީލަތެއް ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުންވެސް އެފަދަ ގޮތަކަށް ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ދެ ގައުމުގެ ގުޅުމުގެ އެންމެ ބޮޑު ރަމްޒެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާގެ އެހީ އަދި ދައުލަތުން ވެސް ހަރަދުކޮށްގެން ބިނާ ކުރި މާލެ އާއި ހުޅުމާލެ ގުޅުވައިދޭ 'ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަ'ށެވެ.
އެ ބްރިޖަކީ ޒަމާނީ މާލެއެއްގެ އާދަޔާހިލާފު ރަމްޒެއްގެ ގޮތުގައި، ޔާމީންގެ ސަރުކާރުގައި އެ މަޝްރޫއު ހިންގިއިރު އެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު ސިފަ ކުރެއްވި އެވެ.
މީގެއިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މޫސުމީ ގޮންޖެހުންތަކާ އެއްވެސް ގައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ވާހަކަދެއްކުމާއި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަރައްގީގެ މުހިންމު ދަނޑިވަޅުތަކުގައި ޗައިނާއިން ދެމުންދާ އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ރާއްޖެއިން "ވަން ޗައިނާ ޕްރިންސިޕަލް" އަށް ސާބިތުކަމާއެކު ތާއީދުކުރާކަން ތަކުރާރު ކުރައްވަމުން، ދެ ގައުމުގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭން އުންމީދުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.