މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ސަރުކާރުން އިއުލާންކުރުމާ ގުޅިގެން އާންމުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަށްރަށުން ބަންޑާރަ ނުވަތަ ދިރިއުޅުމަށް ހިލޭ ގޯތި ދިނުމުގެ ސިޔާސަތެއް އޮތްތޯ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވަނީ މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ.
ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ބަންޑާރައިން ހިލޭ ބިންކޮޅެއް އެ މީހަކަށް ދިނުމަކީ ޒަމާނުއްސުރެ އަމަލުކުރަމުން ދިޔަ އުސޫލު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭން ގޯތި ދޫކުރުން ހުއްޓާލުމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި، އޭރުން ރާއްޖެ ތެރޭ މީހާ، މާލޭ މީހާ ގެ ޒުވާބަށް ހައްލެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އުފަން ރަށް ނޫން އެހެން ރަށަކުން ގޯތި ގަތުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މަޖިލީހުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރާއްޖޭގައި އާބާދީ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި އާބާދީ އާއި އެއްވަރަށް އަބަދު ރަށްރަށުން ބިން ނުހިއްކޭނެ ކަމަށާއި، އެކަމަށް ހައްލެއް ލިބޭނީ ހާއްސަ އުސޫލެއް ގާއިމް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;