
ރައީސް ސޯލިހު މ.އަތޮޅަށް ކުރެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށްވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.
މިދަތުރުފުޅުގައި، ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވެވި އެވެ. ރައީސްގެ މިދަތުރުފުޅުގައި ރަށްރަށުގައި ކުރިއަށްގެންދާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފަ އެވެ.
މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފަ އެވެ.
ރައީސް ސޯލިހު މުލަކަތޮޅަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.