ads
ފޮޓޯ: ސޯޝަލް މީޑިއާ
ބިލެއްދޫގައި ތިބި ބިދޭސީން އަޅުކަން ކުރަން ހެދި ބުދު ކަނޑު ފައްތާލައިފި
ފ. ބިލެއްދޫގައި ތިބި ބިދޭސީން ތަކެއް އަޅުކަން ކުރަން ހަދައިގެން އުޅުނު ބުދު ކަނޑު ފައްތާލާފައި ވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
Advertisement

ބިދޭސީން ތަކެއް ހިންދޫ ދީނުގެ ބުދެއް ހަދައިގެން އެ ހިފައިގެން ދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއް ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަން ފަށާފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، އެކަން ކައުންސިލްގެ ސަމާލުކަމަށް އައީ ރޭގެ ވަގުތެއްގައި ކަމަށާއި، އެކަން އެނގުމާއި އެކު ކަމާއި ބެހޭ އިދާރާތަކަށް އެކަން އަންގާފައި ވާކަމަށެވެ. 

އަދި މިހާރު އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، ފުލުހުންނާއި ކައުންސިލްއިން އެމީހުން ދިރިއުޅެމުން ދިޔަ ތަނަށް ގޮސް ބުދު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް ބުދު ފެނިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އެ ބިދޭސީންނަކީ ރަށުގެ މަސައްކަތެއް ކުރުމަށް އައިސް ތިބި އިންޑިއާ ބައެއް ކަމަށާއި، އެމީހުންނާއި ބުދާއި ބެހޭ ގޮތުން ސުވާލު ކުރުމުން ބުދު ކަނޑު ފައްތާލާފައި ވާކަމަށް ބުނެފައި ވާކަމަށް ވަނީ ބުނެފަ އެވެ. އަދި އެއީ މަށިން ހެދި ބުދެއް ކަމަށް އެމީހުން ބުނި ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

އެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު، މިރޭގެ ވަގުތެއްގައި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންއަށް އެމީހުން ގެންދާނެ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަށް ރަށުގެ އާއްމުންގެ ތެރެއިން ބައެއް މީހުން ގޮސް ތަން ބަލާ ހަދާ ކަމުގެ މައުލޫމާތު ލިބުމުން އެތަނަށް ގޮސް އެމީހުން އެ ތަނުން ދުރުކޮށްފައި ވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް