މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ލަންކާގައި ވެރިކަން ކުރެއްވި ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވީ ލަންކާގައި ހިނގި މުޒާހަރާގެ ބައިވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލައި ރަސްމީ ގެކޮޅަށް ވަނުމާ ގުޅިގެންނެވެ.
އިގުތިސޯދީ އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޭޝިއާގެ ތިން ގައުމަކަށް މިދިޔަ ހަފުތާތަކުގައި އޭނާ ދަތުރު ކުރެއްވީ ކީއްވެގެން ކަމެއް އަދި އޭނާ ވިދާޅެއް ނުވެ އެވެ. އަދި މިހާރު އެނބުރި ގައުމަށް ވަޑައިގެންނެވީ ކީއްވެގެން ކަމެއްވެސް ވިދާޅެއް ނުވެއެވެ.
ބައެއް އެކްޓިވިސްޓުން މިހާރު ރާޖަޕަކްސައަށް ޖިނާއީ ދައުވާތަކެއް އުފުލުމަށް ޑިމާންޑް ކުރަމުން އަންނައިރު، އޭނާގެ އެކުވެރިން ވެރިކަމުގައި ތިބުމާއެކު، އެއްވެސް ދައުވާއެއް ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ތަޖްރިބާކާރުން ދަނީ ބުނަމުންނެވެ. އަދި 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާއަށް އެނބުރި ވަޑައިގަތުމުން އިތުރު އިހުތިޖާޖުތައް ހަލަބޮލިވެގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖެ، ސިންގަޕޫރު އަދި ތައިލެންޑްގައި ވަގުތީ ގޮތުން މަޑުކުރެއްވުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަތުމާ ގުޅިގެން ރާޖަޕަކްސަ އަށް އެތެރެވުމަށް ނުވަތަ މަޑުކުރައްވަން ބޭނުންފުޅުވާ ގައުމުތަކުން ނުލިބުނީކަމަށް ބައެއް ތަޖްރިބާކާރުން ބުނެއެވެ.
އަދި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަމިއްލަ ޖެޓެއް، ޕްރެޒިޑެންޝަލް ސުއިޓެއް އަދި ސެކިއުރިޓީ ހިމެނޭ ގޮތަށް ގައުމުން ބޭރުގައި އޭނާގެ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމުގެ ހަރަދުތަކަށް އެތައް ލައްކަ ޑޮލަރެއް ހޭދަކުރަން ވަނީ ޖެހިފައެވެ.
ރާޖަޕަކްސަގެ މަގްބޫލުކަން ލަންކާގައި ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ.
މަގާމުން ދުރުކޮށްފައިވާ ލީޑަރުގެ ވެރިކަން ވެއްޓުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށް އެ ގައުމުގެ ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަނަރު އަދި ގާނޫނީ ވަކީލު އަބިކާ ސަތުކުނަތަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާޖަޕަކްސަ ގައުމަށް އެނބުރި އެނބުރި ވަޑައިގެންެވީ އެހެން ގޮތެއް ނެތިގެން ކަމަށެވެ.
ރާޖަޕަކްސަގެ ފުރަތަމަ މަންޒިލަކީ ވެރިރަށް ކޮލަމްބޯއިން ފުރައިގެން 90 މިނެޓުން ދެވޭ ރާސްތާގައި ރާއްޖޭގެ ވެރިރަށް މާލެއެވެ.
ފްލައިޓް ޖައްސަން ރާއްޖޭގެ ސަލާމަތީ ބާރުތަކުންވެސް ފުރަތަމަ ހުއްދަ ދީފައި ނުވެއެވެ. އެހެންނަމަވެސް ރާޖަޕަކްސައަށް ރާއްޖެ ވަޑައިގެންނެވޭ ގޮތްވީ ރައީސް މުހައްމަދު ނަޝީދު މެދުވެރި ވެގެންނެވެ.
އޭގާ ރާއްޖެއަށް ވަޑައިގެންނެވުމާ ގުޅިގެން މާލޭގައި ތިބި ލަންކާ ވަނީ އޭނާ އައުމުން އެކަމާ ދެކޮޅަށް މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފައެވެ.
އޭގެ 48 ގަޑިއިރަށް ވުރެ ކުޑަ އިރުކޮޅެއް ފަހުން ރާޖަޕަކްސަ ވަނީ ސައުދިއާގެ ފްލައިޓެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ޖުލައި މަހުގެ 14 ވަނަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި ރާޖަޕަކްސައަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ "ޕްރައިވެޓް ވިޒިޓެއް" ގައެވެ.
އޭނާއަށް ހިމާޔަތް ދީފައި ނުވާ ކަމަށާއި ހިމާޔަތަށް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އޭރުވަނީ ބުނެފައެވެ.
ރާޖަޕަކްސަ ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް އެ ދަތުރުފުޅު ހަގީގަތަކަށް ވެފައެއް ނުވެ އެވެ.
ކޮވިޑް-19ގެ ސަބަބުން މަރުވި މުސްލިމުންގެ ހަށިގަނޑުތައް އެންދުމަށް 2020 ވަނަ އަހަރު ރާޖަޕަކްސަ ގެންގުޅުއްވި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިއުން ކުރިމަތިވެފައިވެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއިން މިދިޔަ ޑިސެމްބަރު މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކަމަކީ އިސްލާމީ އުޞޫލުތަކާ ފުށުއަރާ ޕްރެކްޓިސްއެއް ކަމަށެވެ. މިކަމާ ގުޅިގެން އޯއައިސީން ވަނީ ކަންބޮޑުވުން ފާޅުކޮށް މުސްލިމުން ވަޅުލުމުގެ އަޅުކަމަށް އިޙްތިރާމް ކުރުމަށްގޮވާލާފައެވެ.
އޭގެ ފަހުން ރާޖަޕަކްސަ އެ ސިޔާސަތު ބަދަލު ކުރެއްވި ނަމަވެސް، މުސްލިމުންގެ ތެރެއިން މަރުވާ މީހުން އެމީހުންގެ އާއިލާތައް ނެތި، އަދި ކަށުނަމާދާ ނުލައި، ދުރުހިސާބެއްގައި ހުންނަ ސަރުކާރުގެ ސައިޓެއްގައި ވަޅުލަން ލާޒިމްކުރާ އެހެން ކޮންޓްރޮވާޝަލް އުސޫލެއް ތަންފީޒު ކުރެއްވި އެވެ.
ސިންގަޕޫރުގައި ހުންނަވައި ރާޖަޕަކްސަ ވަނީ ސްރީލަންކާގެ ލީޑަރުކަމުން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.
އޭގެ ފަހުން ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމައިގައި އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އުޅޭ ކަންވަނީ އެނގިފައެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ)ގެ ވަކީލުން ވަނީ ރާޖަޕަކްސަ ވަގުތުން ހައްޔަރުކުރުމަށް އެދި ސިންގަޕޫރުގެ އެޓާނީ ޖެނެރަލަށް ޖިނާއީ މައްސަލައެއް ހުށަހަޅާފައެވެ.
2.9 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ވަގުތީ އެއްބަސްވުމަކަށް ލަނކާއިން މިހާރުވަނީ އައިސްފައެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އެގައުމުގައި ހަމަޖެހުން ގާއިމުކޮށް، ސަރުކާރުގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މިލޯނަށް އައިއެމްއެފްއިން އދިވެސް އެޕްރޫވަލް ދީފައި ނުވެއެވެ. އެހެންކަމުން ސްރީލަންކާއަށް އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އަދިވެސް ދިގު ރާސްތާއެއް އޮތްއިރު، ރާޖަޕަކްސަ ވަޑައިގަތުމުން އަނެއްކާވެސް ގައުމުގެ ހާލަތު އިތުރަށް ހޫނުވެދާނެތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފައެވެ.