ads
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯއަށް ބަދަލު ދޭން ޖެހިއްޖެ
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާތީ އޭނާއަށް ބަދަލު ދޭން ޕެންޝަން އޮފީހަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯކަމުގެ މަގާމުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާކުރަމުން ދިޔަ ޖޯން މަގާމުން ވަކިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ނުވަތަ ނަސޭހަތަވެސް އަދި ނޯޓިސްއެއް ދިނުމަކާ ނުލައި، ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާ އެ މައްސަލަ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޝަރިއަތަށް ހުށަހެޅިއެވެ. 

މި މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ ޖޯން ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައިވީނަމަވެސް އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގައި ގާއިމް ކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާތީ ޖޯންއަށް 14000 ޑޮލަރުގެ ބަދަލެއް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ ޕެންޝަން އޮފީހަށް އަމުރުކޮށްފައެވެ. އެއީ ޖޯންގެ އެއް މަހުގެ އަސާސީ މުސާރަކަމަށްވާ 8000 ޑޮލަރާއި އިނާޔަތުގެ ގޮތުގައި ލިބޭ 6000 ޑޮލަރުގެ ޖުމްލައެވެ. މި މަހުގެ އެއްވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މި 14000 ޑޮލަރު އެއް މަސް ދުވަހުގެ ތެރޭގައި ޖޯންއަށް ދިނުމަށެވެ.

ޖޯންއަކީ ޕެންޝަން ދާއިރާއިން 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޕެންޝަން އޮފީހުގެ ސީއީއޯކަމުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާވަނީ މަލްޓާ ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމާއި، ލޮއިޑްސް ބޭންކިން ގްރޫޕުގެ ސީނިއަރ އެކްޗުއަރީގެ މަގާމް އަދި ކޮމްޕްރޭ ގްރޫޕް މަލްޓާގެ ސީއޯއޯގެ މަގާމު ވެސް ފުރުއްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް