ads
ރިނބުދޫ ސަގާފީ މަގު ހުޅުވާ "މަރިޔަންމާ" ކެންޕެއިން ފަށައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ދ. ރިނބުދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށު ސަގާފީ މަގު ހުޅުއްވައިދެއްވާ، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭނެއް ކަމަށްވާ "މަރިޔަންމާ" ކެމްޕެއިން އިފްތިތާހްކޮށްދެއްވައިފި އެވެ.

ރައީސް ރިނބުދޫއަށް ކުރައްވާ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސަގާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެކެވެ. މިމަގަކީ ރިނބުދޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވަ އެވެ. މިމަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަގާފީ ހަރަކާތްތައްވެސް ރައީސް ބައްލަވާލެއްވި އެވެ.

މިއަދު އިފްތިތާޙްކުރި މަރިޔަމްމާ ޕްރޮގްރާމަކީ އުފަންވެނި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާބަނޑު އަންހެނުންނާ އެމީހުންގެ ތުއްތު ދަރިންނާއި އެމީހުންގެ ފިރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެ އެވެ.

އޭގެ އިތުރުން މާލީ ގޮތުންނާ އި އެނޫންވެސް މާބަނޑު އަންހެނުންނަށް އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނެ އެވެ. މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖމްހޫރިއްޔާ ވަނީ މި ޕްރޮގްރާމުގެ ބައިވެރިއަކަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފަ އެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް