ads
މޫދަށް ވެއްޓުނު މީހަ ނަގައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދެނީ——ފޮޓޯ: އެމްއެންޑީއެފް މ
ލޯންޗާއި ޑިންގީ ޖެހުމާއެކު އެކަކު ވެއްޓުނީ މޫދަށް، ލޯންޗު ދިޔައީ އޭނާގެ ގައިމަތިން
އޭނާ މޫދުން ނެގިފައިވަނީ ކޯސްޓްގާޑު ހާބަކްރާފްޓް ޑައިވަރެއްގެ ހިތްވަރުން
މިރޭ 19:55 ހާއިރު ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރެއިން ލޯންޗަކާއި ޑިންގީއެެއް ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުންދާ ހަތަރު މީހުންގެ ތެރެއިން އެކަކީ އެކްސިޑެންޓާއިއެކު ޑިންގީން މޫދަށް ވެއްޓުނު އެކެކެވެ. އޭނާ މޫދުން ނެނގިފައިވަނީ، ކޯސްޓްގާޑު ހާބަކްރާފްޓްގެ ޑައިވަރެއްގެ ކެރުންތެރި ހިތްވަރުން ނެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހާބަ ކްރާފްޓް 113" މިރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައެވެ. 

އެމްއެންޑީއެފްއިން ބުނިގޮތުގައި، އެވަގުތު ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލުކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓިފައިވާ ކަމަށް އެތާ ތިބި މީހުން ބުންޏެވެ. 

އަދި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާ ކަމަށާއި، އެ މީހާ ނުނެގިގެން އުޅޭ ކަމަށް އެތަނުގައި ތިބި މީހުން މައުލޫމާތު ދިނެވެ. އެޔާއެކު، ކޯސްޓްގާޑު ހާބަކްރާފްޓްގެ ޑައިވަރެއް ވަނީ ވަގުތުން މޫދަށް ފުންމާލަައި، މޫދުގައި އޮތް މީހާ ސަލާމަތްކޮށްފައެވެ.

އަދި، ހާބަ ކްރާފްޓް 113 ގައި ތިބި ސިފައިންގެ އެހީގައި އެ އުޅަނދަށް އެމީހާ ނެގުމަށްފަހު ވަނީ އެމްއެންޑީއެފް ކަލާސީނުކޮށްޓަށް ގެންގޮސްދީފައެވެ. 

ޒަހަމުވެފައި އޮތް އެމީހާ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީވެސް އެމްއެންޑީއެފްގެ ވެހިކަލެއްގައި މިރޭ 19:00 ހާއިރު އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނެއް ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ.

އަނިޔާވި ހަތަރު މީހުންނަކީވެސް ޑިންގީގައި ތިބި މީހުން ނެވެ. އެއީ ދިވެހި ދެ ފިރިހެނަކާއި، ބިދޭސީ ފިރިހެނެއްގެ އިތުރުން ބިދޭސީ އަންހެނެކެވެ.

އެ ހާދިސާގައި ޑިންގީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، ޑިންގީގެ ކުރީކޮޅު ފަަޅަފަޅައިގެން ގޮސްފަ އެވެ.

މިދިޔަ މެއި މަހު ގއ. ވިލިގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް ނެރުގައިޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ވެސް ވަނީ، ފަސް މީހަކަށް ސީރިއަސް ޒަހަމުތަކެއް ލިބިފައެވެ. އެ ހާދިސާގައި އޭގެތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.

5%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް