ފުލުހުން މިއަދު ބުނީ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރު ދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.
އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ އާއި ބ. ދަރަވަންދޫ، ހީމަ، މުޖައްމަދު މިހާދު މުސްތަފާ އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރި ހަމްދޫން އަބްދުﷲ އަކީ، އެއްޖިންސުން ރާއްޖޭގެ ގިނަ ބަޔަކާއި އެކު ގުޅުން ހިންގި އަލަމްގިރި، ފުލުހުންނަށް ދިން ބަޔާނުގައި، "ބޮސް" ގެ ނަމުން މުހާތަބު ކުރާ މީހާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ހަމްދޫން އަބްދުﷲ އާއި މުހައްމަދު މިހާދު މުސްތަފާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އަދި މައުމޫން މޫސާ ހައްޔަރު ކުރީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި، އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އޭނާ އެތައް ބަޔަކަށް އޮޅުވައިލައިގެން ގިނަ އަދަދެއްގެ ފައިސާވެސް ނަގާފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.