ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އދގެ އޭޖެންސީންއިން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއި، ނިއު ދިއްލީގައި ހުންނަ މެއިޑަން ފާމަސޫޓިކަލްސް ލިމިޓެޑާއެކު ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
މެއިޑަން ފާމަސޫޓިކަލްސްއިން މި އެލާޓާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނުވެއެވެ. އަދި މިކަމާ ބެހޭ ގޮތުން ގެމްބިއާ އާއި އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް އަދި މިހާތަނަށް އެއްޗެއް ނުބުނެއެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ މެއިޑަން ފާމަސޫޓިުކަލްސްގެ އުފެއްދުންތައް ބާޒާރުން ނެގުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި މެޑިކަލް ޕްރޮޑަކްޓް އެލާޓެއް ވެސް ނެރެފަ އެވެ.
މި އުފެއްދުންތައް ނުރަސްމީ މާކެޓްތައް މެދުވެރިކޮށް އެހެން ތަންތަނަށް ވެސް ފޮނުވާފައި ހުރެދާނެ ކަމަށާ، ނަމަވެސް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ގެމްބިއާއިން ކަމަށް ޑަބްލިއު.އެޗް.އޯގެ އެލާޓްގައި ބުނެފައި ވެއެވެ.
މި އެލާޓްގައި ހަތަރު ޕްރޮޑަކްޓެއް ހިމަނާފައިވާއިރު އެއީ ޕްރޮމެތަޒިން އޯރަލް ސޮލިއުޝަން، ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް، މަކޮފް ބޭބީ ކޯފް ސިރަޕް އަދި މާގްރިޕް އެން ކޯލްޑް ސިރަޕް އެވެ.
ލެބް އެނަލިސިސް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޑައިތައިލީން ގްލައިކޯލް އާއި އެތިލީން ގްލައިކޯލް ވަރަށް ގިނަ އަދަދަކަށް ބޭހުގައި ބޭނުންކޮށްފައިވެއެވެ. މިއީ ބޭނުންކުރުމުން ވިހަވެދާނެފަދަ މާއްދާތަކެއް ކަމަށް ސިއްހަތާބެހޭ ޖަމިއްޔާއިން ބުނެއެވެ.
ގެމްބިއާގެ ސަރުކާރުން މިދިޔަ މަހު ބުނީ ޖުލައި މަހުގެ ފަހުކޮޅު ފަސް އަހަރުން ދަށުގެ ކުދިންގެ ކިޑްނީއަށް އެކިއުޓް އިންޖަރީގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
ގެމްބިއާގެ މެޑިކަލް އޮފިސަރުންގެ ސަމާލުކަމަށް މިކަން އައީ ޕެރަސެޓަމޯލް ސިރަޕް ބޭނުންކުރުމަށްފަހު ތިން ހަތަރު ދުވަސްފަހުން ކުޑަކުދީންނަށް ކިޑްނީގެ މައްސަލަތައް ދިމާވާން ފެށުމުންނެވެ.
އޮގަސްޓް މަހާ ހަމައަށް 28 ކުދިން ވަނީ މަރުވެފައެވެ. ޑަބްލިއުއެޗްއޯ އިން ބުދަ ދުވަހު ބުނީ މިހާތަނަށް 66 މީހުން މަރުވެފައިވާ ކަމަށެވެ.