ads
ނާއިބު ރައީސް އިނގުރައިދޫގައި
ނާއިބު ރައީސް އިނގުރައިދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ރ. އިނގުރައިދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި އ.ތ.މ. ކޮމެޓީއާ އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ކުރިމަތިވާ ބައެއް ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލު އިދާރާގެ އިމާރާތާއި ސްކޫލާއި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމާއި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމައުގައި ހުރި އިޖުތިމާއީ ބައެއް މައްސަލަތައް ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިނގުރައިދުއަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ހާލަތު ގާތުން ބައްލަވައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށް އެރަށެއްގެ ތަރައްގީގެ ކަންކަން ކުރިޔަށްގެންދަވަން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ މިހާރު އެކި މަރުހަލާގައި ކުރިޔަށްދާ މަޝްރޫއުތައްކަން ފާހަގަކުރައްވައި އެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ އެ ކޮމެޓީން ރަށުގެ އަންހެނުންނަށް އަމާޒުކޮށް ޕްރޮގްރާމްތައް ހިންގުމަށް ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ތަނެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގުރައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިނގުރައިދޫ ސްކޫލުގެ އަހަރީ ސްކައުޓް ކޭމްޕް ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި ކޭމްޕުގައި ބައިވެރިވާ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

ކައުންސިލާއި އ.ތ.މ ކޮމެޓީއާ މުއައްސަސާތަކާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް އިދާރާ ބައްލަވާލައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް