ads
ނާއިބު ރައީސް އިންނަމާދޫގައި
ނާއިބު ރައީސް އިންނަމާދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އ.ތ.މ. ކޮމެޓީއާއި އަދި، މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި، ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަމާއި، އަދި ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ސްކޫލްގެ ޖާގައިގެ ދަތިތަކާއި، އަދި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއްގެ މުހިންމުކަން ހިމެނެއެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި، ރަށުގެ ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުމާއި ބެހޭގޮތުންނާއި، ރަށުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމާއި، ރަށުގައި ކުނިމެނޭޓްކުރުމުގައި ކުރިމަތިވާ ދަތިތައް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ރަށުގައި ފަތާ ފެންގަޑެއް އަދި ކުޑަކުދިންގެ ޕާކެއް ގާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން އަދި، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެންކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންނަމާދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި، ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރ. އިންނަމާދުއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގެ ކުރިން އެމަނިކުފާނު ވަނީ، ރ. ވަންދޫއަށް ވެސް ޒިޔާރަތް ކުރައްވައި، އެރަށުގައި ކުރިޔަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލައްވައި އެކަމާގުޅޭ މަޢުލޫމާތު ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހޯއްދަވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް