އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ވަނީ މުފްތީ މެންކް މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަން ހާމަކޮށްފަ އެވެ.
އެރޭ މާލޭގެ ކާނިވާ ސަރަހައްދުގައި މެންކްގެ ފުރަތަމަ ދަރުސް އޮންނައިރު، އެއަށް ފަހު، ދެން ވަޑައިގަންނަވާނީ ފުވައްމަލަކަށެވެ. ފުވައްމުލަކުގައި 29 ވަނަ ދުވަހު ދަރުހެއް ދެއްވުމަށް ފަހު 30 ވަނަ ދުވަހު ދަރުސް އޮންނާނީ އައްޑު ސިޓީގައެވެ. މެންކްގެ މި ދަތުރުގެ ފަހު ދަރުސް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައެވެ.
ލަންކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ ހިމެނޭހެން ރާއްޖޭގެ ގިނަ މިއުޒިކް ބޭންޑުތަކަކާއިއެކު ބައިސްކޯފް އިން ބާއްވާ ޗަނާޗާ ޝޯ ވެސް ބާއްވަން ނިންމާފައި އޮތީ މިމަހުގެ 28 ވަނަ ދުވަހުގެ ރެއެވެ. އެރޭ މާލޭ އަލިމަސް ކާނިވާގައި މުފްތީގެ ދަރުހެއް އޮންނައިރު، މިއުޒިކް ޝޯއެއް ބާއްވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
މިއަދު ބައިސްކޯފްއިން ބުނީ، އެ ޝޯ އަށް ތައްޔާރުވަމުން އަންނަތާ މަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް ހަމައެދުވަހު ”ބޮޑު އެެއްވުމެއް“ އޮތްކަން އެ ޓީމުގެ ސަމާލުކަމަށް އައިސްފައިވުމުން، ޗަނާޗާ ޝޯ އެެއް ދުވަސް ލަސްކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރު ޗަނާޗާ ޝޯ ބާއްވަން ބައިސްކޯފުން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު އެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެރޭ 20:00 އިން 00:00 އަށެވެ. ހަވީރު އޮންނަ ޝޯއަށް ހިލޭ ވަދެވެއެވެ. އެކަމަކު ރޭގަނޑުގެ ޝޯއަށް 150 ރުފިޔާގެ ޓިކެޓެއް ނަގަންޖެހެއެވެ.