ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މުޒާހަރާތައް ފެށުނީ އަންހެނުންގެ ޑްރެސް ކޯޑާ ހިލާފުވި ކަމުގެ ތުހުމަތުގައި އީރާނުގެ މޮރަލިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ތިން ދުވަސް ވަންދެން ބަހައްޓާފައި ހުރި އަމީނީ، 22، މަރުވުމާ ގުޅިގެންނެވެ.
ރައީސީ ވިދާޅުވީ ހަލަބޮލިކަމާއި، ބިރުވެރިކަމާއި، އެހެން ގައުމެއް ހަލާކުކޮށްލުމަށް ހިތްވަރު ދޭ އެމެރިކާގެ ރައީސްގެ ބަސްމަގާއި އަމަލްތަކަކީ އެމެރިކާއަކީ ބޮޑު ޝައިޠާނާކަމަށް ސިފަކުރެއްވި އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ މަރްޙޫމް އާޔަތުالله ރޫހުالله ޚުމޭނީގެ ދާއިމީ ބަސްފުޅުތައް ހަނދާންކޮށްދޭ ވާހަކަތަކެއް ކަމަށެވެ.
"ދުޝްމަނުންގެ ރޭވުންތަކާ ދެކޮޅަށް ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" އީރާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މަރުވި ގިނަ މީހުންނަކީ މުޒާހަރާގެ ބައިވެރިން ކަމުގައިވީ ނަމަވެސް ސަލާމަތީ ބާރުތަކުގެ މެމްބަރުންވެސް ވަނީ މަރުވެފައެވެ. މުޒާހަރާތަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުކުރު ދުވަހު ބައިޑަން ވިދާޅުވީ އީރާނުގެ ރައްޔިތުންނާއި ހިތްވަރުގަދަ އަންހެނުންނާ އެކު އެގައުމު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އީރާނުގެ ރައްޔިތުންނަށް ހޭލުންތެރިކަން އައިލެއް އަވަސްކަމުން ހައިރާންވާ ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންނާނީ އާދީއްތަ ދުވަހު ވިދާޅުވީ، އީރާނަކީ ނުފޫޒު ފޯރުވުމުގެ ސަބަބުން އެޤައުމުގެ އިޚްލާޞްތެރިކަން ގެއްލޭވަރަށްވުރެ ވަރުގަދަ ޤައުމެއް ކަމަށާއި، އެތައް އަހަރެއް ވަންދެން ހުޅަނގުގެ ވެރިން ނާކާމިޔާބީއިން މާޔޫސް ކުރުވާފައިވާ ކަމަށެވެ.