ads
ކްރިމިނަލް ކޯޓު
ދެ ލައްކަ އެއްހާ ރުފިޔާ ވަގަށް ނެގި މީހަކު 39 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި
ގއ. ނިލަންދޫ ސުކޫލްގެ ތިޖޫރީ ފަޅާލާ 199،090 ރުފިޔާ ވަގަށް ނެގި މީހާ 39،800 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 ހާއިރު، ގއ. ނިލަންދޫ ސުކޫލުގެ ތިޖޫރީ ފަޅާލާ އޭގައި ހުރި ފައިސާ ވަގަށް ނެގި މައްސަލަ އާއި ގުޅިގެން ދައުލަތުން ވަނީ، ދެ މީހެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ. މި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ، އެރަށު ފޫޅުމާގޭ، ޝިމާއު އަހުމަދާއި، ހަމަ އެރަށު ދިހްޝާނާވިލާ، އަލީ ޝާކިރުގެ މައްޗަށެވެ. 

ތިން ދައުވާއެއް މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވާއިރު، އަލީ ޝާކިރު ވަނީ މި ދައުވާތަކަށް އިއުތިރާފްވެފަ އެވެ. އެހެން ކަމުން މި މައްސަލައިގައި ދެން ހިމެނޭ، ޝިމާއުގެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ވަކީ ގަޒިއްޔާއެއްގެ ގޮތުގަ އެވެ. 

ޝާކުރުގެ މައްޗަށް ދައުލަތުން ވަނީ، ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާތަކަށް އޭނާ ކޯޓުގައި އިއުތިރާފު ވުމުން ކޯޓުން ތިން މައްސަލަވެސް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކުގެ ގޮތުގަ އެވެ. 

ދައުލަތުން ކޯޓުގައި ވާހަކަ ދައްކަމުން ބުނީ، މި ކުށަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، ކުށުގެ އަސާސީ އަދަބުގެ މިންގަނޑަކީ، އެއް އަހަރާއި، ހަތް މަހާއި ހަ ދުވަސް ކަމަށެވެ. އެހެން ނަމަވެސް ޝާކިރު ކުށަށް އިއުތިރާފްވެފައި ވާތީ، ކުށުގެ އަދަބުގެ އަސާސީ މިންގަނޑު އެއް ދަރަޖައަށް ދައްވާނެ ކަމަށާއި، އަދި އަދަބުގެ އަސާސީ މިންގަނޑު މަތިކުރާނެފަދަ ކުށުގެ ރެކޯޑެއް އޭނާގެ ނެތް ކަމަށެވެ. އަދި މި މައްސަލައިގައި ބަންދުގެ އޭނާ 26 ދުވަސް ހޭދަ ކޮށްފައިވާ ކަމަށްވެސް ދައުލަތުގެ ފަރާތުން ވަނީ ބުނެފަ އެވެ. 

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ގާނޫނުލް އުގޫބާތުގެ 211 ވަނަ މާއްދާ އާއި އެ ގާނޫނުގެ 1106 މާއްދާ އާއި 1003 އަދި 1002 މާއްދާގެ ދަށުން އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށާއި، އޭނާ މި މައްސަލަ އާއި ގުޅިގެން ބަންދުގައި ހުރި ދުވަސްތައް ކެނޑުމުން ތަންފީޒު ކުރަންޖެހެނީ، ތިން މަހާއި، 28 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. 

އެހެން ނަމަވެސް ޖަލަށް ލުމަށް ކަނޑައެޅުނު އަދަބު ގާނޫނުލް އުގޫބާތުގެ 1005 މާއްދާ އާއި، 1202 މާއްދާގެ ދަށުން 23،600 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލު ކުރާ ކަމަށް ހުކުމް ކުރާ ކަމަށެވެ. 

މީގެ އިތުރުން ޝާކިރުގެ މައްޗަށް އުފުލި މުދަލަށް ގެއްލުންދިން މައްސަލައިގައި އޭނާ 10،800 ރުފިޔާއިން ޖޫރިމަނާކޮށް، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަން މައްސަލައިގާ 5،400 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް