ads
ލަންދޫ ސިއްހީ މަރުކަޒުގެ ނަރުހުންނާއި އެޓެންޑެންޓުންތަކެއް އާ ޔުނީފޯމްގައި.-- ފޮޓޯ: ލަންދޫ ސިއްހީ މަރުކަޒު
ހުރިހާ ނަރުހުންގެ ޔުނީފޯމު އެއް ޑިޒައިނަކަށް ބަދަލުކުރަނީ
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސައްކަތް ކުރަމުން އަންނަ ނަރުހުންގެ ޔުނީފޯމް އެއް ޑިޒައިނަކަށް ބަދަލު ކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ، ނަރުހުންގެ ޔުނީފޯމް އެއް ކުލައަކަށް ބަދަލު ކުރުމަށް ނިންމީ، ނަރުހުންގެ އެސޯސިއޭޝަނުން އެކަމަށް އެދުމުން ކަމަށާއި، އެކަން އެ އެސޯސިއޭޝަނުން އެދުނު ގޮތަށް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ނަރުހުންގެ ޔުނީފޯމުގެ ކުލަ މަޑު ފެހި ކުލައަށް ބަދަލު ކުރުމަށް މިހާރު ހުރިހާ ސިއްހީ މަރުކަޒުތަކަށާއި، ހޮސްޕިޓާތަކަށް އަންގާފައި ވާކަމަށާއި، މިހާރުވެސް ބައެއް މަރުކަޒުތަކުގައި އާ ޔުނީފޯމް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނާއި، އެޓެންޑަރުންގެ އިތުރުން، ނ. ލަންދޫ ސިއްހީ މަރުކަޒުގެ ނަރުހުންގެ ޔުނީފޯމް ބަދަލު ކޮށްފައި ވާކަމަށާއި، އެކަން ކުރަމުން ދަނީ، ނަރުހުންނާއި އެޓެންޑަރުންނަށް ލިބޭ ޔުނީފޯމް އެލަވަންސްގެ ތެރެއިން ކަމަށްވެސް ޝަތުފާ ވިދާޅުވި އެވެ. 

ރާއްޖޭގައި ޒަމާނުއްސުރެ ނަރުހުން ބޭނުން ކުރަމުން ދިޔައީ، ހުދު ކުލައިގެ ޔުނީފޯމެވެ. ބައެއް ރަށްތަކުގައި އެހެން ކުލަތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް ގިނަ ރަށްތަކުގައި އަދިވެސް ބޭނުން ކުރަމުން ދަނީ ހުދު ކުލައިގެ ޔުނީފޯމެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް