މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި 2017 އަހަރު ވަނަ އަހަރު، ރ. މީދޫ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދަށު ކޯޓުން ކުށް ސާބިތު ނުވި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން މިދިޔަ ހަފްތާގައިވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް 18 އަހަރާއި 9 މަހުގެ ހުކުމެއް ކުރީ މިއަދުއެވެ.
އަނަސް މަރާލިކަން ހައިކޯޓުން ސާބިތުވެ 18 އަހަރާއި 9 މަހުގެ ޖަލު ހުކުމެއް މިއަދު އިއްވި މީހަކީ އެކަން ހިނގި އިރު އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއް ކަމުން އޭނާގެ ނަމާއި ވަނަވަރު ހާމައެއް ނުކުރެއެވެ. މި މައްސަލަ ސާބިތުވީ ކަމަށް ކަނޑައެޅީ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މީގެ ފަސް އަހަރު ކުރިން މާލޭގައި ހިނގި މި ހާދިސާގައި ރ. މީދޫ އަށް ނިސްބަތްވާ މުހައްމަދު އަނަސް މަރާލާފައިވަނީ ގަލޮޅު ހަނދުވަރުދޭ ގޯޅި ތެރޭގައި ހުންނަ ލިޓަސް ސެންޓަރުގެ ތެރޭގައި ހަތަރު މީހަކު ވެގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ އަނަސްއަށް ހަމަލާ ދީ މަރާލާފައިވަނީ އޮޅިގެން ކަމަށެވެ.
ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ވަޅީގެ ހަމަލާގައި އޭނާގެ ހަށިގަނޑުގެ ވިއްސަކަށް ތަނަކަށް ވަޅި ހަރާފައިވެ އެވެ.