ނިއުޒީލެންޑުގެ ދަނޑުވެރިން ވަނީ ޓްރެކްޓަރުތަކާއި ޕިކަޕް ތަކުގައި އެގައުމުގެ ސިޓީތަކާއި އަވަށްތަކަށް އެއްވެ، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.
ޓްރެކްޓަރުތަކާއި އެހެނިހެން ފާމްޔާޑް ވެހިކަލްތަކުގެ ލައިންތަކުގެ ސަބަބުން ވެލިންޓަން، އޮކްލޭންޑް، ކްރައިސްޓްޗާޗް އަދި އެހެނިހެން ސިޓީތަކުގެ ޓްރެފިކަށް ބުރޫ އަރާފައިވާއިރު، މުޒާހަރާކުރަމުންދާ ދަނޑުވެރިން ވަނީ އެގައުމުގެ ސަރުކާރުން "ބާޕް އެންޑް ފާޓް" ޓެކްސްއިން ދުރުހެލި ވުމަށް ގޮވާލާފައެވެ.
ދަނޑުވެރިކަމުގެ ގޭހާއި ބަޔޯޖެނިކް މީތޭން އިން ދުނިޔޭގައި ފުރަތަމަ ފަހަރަށް ޓެކްސް ނެގުމުގެ ޕްލޭންތައް ބޮޑުވަޒީރު ޖަސިންޑާ އާޑަން މިދިޔަ ހަފުތާގައި ހާމަ ކުރެއްވި އިރު، މައިގަނޑު ގޮތެއްގައި ޓެކްސް ނަގަން ނިންމާފައިވަނީ ނިއުޒީލެންޑުގެ ގާތްގަނޑަކަށް ހަ މިލިއަން ގެރި އާއި 26 މިލިއަން ކަންބަޅިން އުފައްދާ ގޭހުންނެވެ.
އާޑަން ވަނީ މި ޓެކްސް އަކީ ދުނިޔެ ހޫނުވާ މިންވަރު ކުޑަކުރުމަށް ބޭނުންވާ ޓެކްސްއެއް ކަމަށާއި ތިމާވެއްޓާ ރައްޓެހި މަހުގެ ގޮތުގައި، އަގުބޮޑުކޮށް ވިއްކައިފިނަމަ ދަނޑުވެރިންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ނިއުޒިލޭންޑް ދަނޑުވެރިކަމުގެ އެތައް ހާސް މަސައްކަތްތެރިންނެއް ބުރާސްފަތި ދުވަހުގެ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލީ ޓެކްސް ނުނަގާނެ ކަމަށް ބުނަމުންނެވެ.
މުޒާހަރާ އިންތަިޒާމުކުރާ އިސް ފަރާތަކުން ވިދާޅުވީ ކާބޯތަކެތީގެ ބާވަތްތަކުން މި ނެގޭ ޓެކްސްނެގުމަށް ސަރުކާރުން ވިސްނުމަކީ ރަށްފުށުގެ މުޖުތަމައު ތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.
މީތޭން އަކީ ކާބަންޑަ އޮކްސައިޑް ފަދައިން ގިނަ ވަގުތު ޖައްވުގައި ހުންނަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ދުނިޔެ ހޫނުވުމަށް އެއީ ބާރުގަދަ އެޖެންޓެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ގްރީންހައުސް ގޭސް މިކްސްގެ ކުޑަ މިންވަރެއް މީތޭން ހިއްސާ ކުރިނަމަވެސް، ދުނިޔޭގެ ހޫނުމިން އިތުރުވުމުގެ ގާތްގަނޑަކަށް 30 އިންސައްތަ ހިއްސާ ކުރަނީ މީތޭންއެވެ.