އެ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެޕްއިން ދަތުރުފުޅުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރަށްރަށަށް ރައީސް ޔާމީން ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން މިހާރުގެ ސަރުކާރާއި ގުޅޭ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
އެގޮތުން މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭކަމުގެ ޝަކުވާ އާއި، މަހުގެ އަގު ހަމަޔަކަށް ނޭޅުވުމުގެ ޝަކުވާ އާއި ގޭދޮށު މަސްފެކްޓްރީތަކުގެ ޝަކުވާފަދަ ޝަކުވާތައް ރަށްރަށަށް ދިއުމުން ލިބޭ ކަމަށް ހީނާ ވިދާޅުވި އެވެ.
އެކަންކަމަށް ހައްލުހޯދައިދީ މި ސަރުކާރުގައި ނުފުއްދުނު ވައުދުތައް ވެސް ފުއްދަވާނީ ރައީސް ޔާމީން ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި މަސްވެރިންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ގުޅިގެންވެސް މަހުގެ ހަމަ އަގުގެ މައްސަލަ ހައްލުކޮށްދިނުމަށް އަގު 20 އަށްވުރެ ކުޑަނުކުރާނެ ކަމުގެ ވައުދުފުޅު ރައީސް ޔާމީން ވެވަޑައިގެންނެވި ކަމަށެވެ.
ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކާއި ބޭނުންތަކަށް ބައްލައްވާ މެނިފެސްޓޯގައި އެކަން ކަން ހިމަނަމުންދާނެ ކަމަށާއި އެކަންކަން ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަންވެސް މިއަދު ޕީޕީއެމް އިން ދިނެވެ.