މިކަން ހާމަވެފައިވަނީ އޮޑިޓް އޮފީހުން ނެރެފައިވާ އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުންނެވެ.
އެރިޕޯޓްގައި ބުނެފައިވަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކުރި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ހުއްދަނޫން ކަންތައްތަކެއް ކޮށްފައިވާކަމަށެވެ.
އެގޮތުން، ޒިކުރާ މިސްކިތް ހިމެނޭ ބިމުގެ ރަޖިސްޓްރީ ނެތި އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒަމާނުއްސުރެއް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ޒިކުރާ މިސްކިތް ހުރިކަމުގައި ވީނަމަވެސް އެ ތަނުގެ ރަޖިސްޓްރީ އެ މިނިސްޓްރީގައި ނެތްކަމަށެވެ. އަދި ރަޖިސްޓްރީ ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހައުސިން މިނިސްޓްރީގައި ލިޔުމުން އެދުމުން، އެބިމަކީ ރަޖިސްޓްރީ ކޮށްފައިވާ ބިމެއްކަން ލިޔެކިޔުންތަކުން އެންގެންނެތް ކަމަށް، 06 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އެންގިކަމަށް ރިޕޯޓްގައި ވެއެވެ.
އެހެން ކަމުން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެމިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާއި އެކު 09 ޖުލައި 2018ގައި ސޮއި ކޮށްފައިވަނީ ބިމުގެ ރަޖިސްޓްރީ ނެތި އަދި އެބިމަކީ ކޮންފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިމެއްކަން ޔަގީންނުކޮށް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
މީގެ އިތުރުން މަސައްކަތް ހަވާލުކުރި ފަރާތަށް ދޫކުރަންޖެހޭ ވަރަށްވުރެއް އިތުރަށް އިމާރާތުގެ ފަންގިފިލާ ދޫކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވެފައިވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އިމާރާތުގެ 10 ފަންގިފިލާގެ ތެރެއިން ހަ ފަންގިފިލާ 10 އަހަރު ދުވަހަށް، މަސައްކަތްކުރާ އެސްޖޭ ކޮންސްޓްރަކްޝަނަށް ދެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެހެން ނަމަވެސް އޭގެބަދަލުގައި ހަތް ފަންގިފިލާ 10 އަހަރު ދުވަހަށް ދޫކުރުމަށް އެއްބަސްވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި މަޝްރޫއަށް ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދާފައިވީ ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު އެއްވެސް ފަރާތަކަށް ދީފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަމާއި އަދި ޕްރޮޕޯސަލްތައް މިނިސްޓްރީއަށް ރަސްމީކޮށް އެންޓްރީވެފައިވާކަން ލިޔެކިޔުމުން އެނެގެން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އަދި މީގެ އިތުރުން އިމާރާތުގެ ސްޓްރަކްޗަރަލް ކުރެހުމާއި އާކިޓެކްޗަރަލް ކުރެހުން އިސްލާމިކް މިނިސްޓްރީއަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހަޅާފައިނުވާކަމަށާއި، އެކަން ކޮށްފައިނުވަނީ ބިމުގެ ރަޖިސްޓްރީގެ ކޮޕީ ފޯރުކޮށްދީފައިނުވާތީ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އަދި މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޓާނީޖެނެރަލްގް އޮފީހުގެ ލަފާހޯދުމާ ނުލާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.