ads
މުފްތީ މެންކް ރޭގެ ދަރުސްގައި އަލި އަޅުވާލީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އަށް
”ޑިޕްރެސް ވަނީ އީމާންކަން ނެތިގެނެއް ނޫން، އެއީ ނަމާދު އެޅުމަށް އޮތް އުޒުރެއްވެސް ނޫން“
ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދެރަވުން، ކަންބޮޑުވުން ނޫނީ ހާސްކަން އިހުސާސްކުރެވުމަކީ އިންސާނީ ތަބީއަތު ކަމާއި، ވަކި މިންވަރަކަށް ރޮއިލުން ވެސް އެއީ ކޮންމެހެން ބޭނުން ކަމެއް ކަމަށް މުފްތީ މެންކް ދެއްވި ދަރުހުގައި ރޭ ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުންނާއި ކުޑަކުދިން އަމިއްލައަށް މަރުވާކަމަށާއި، އެކަހަލަ ކަންކަން ދިމާވުމުގައި ބެލެނެވެރިންނަށް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ފާހަގަކުރެއްވި އެވެ. 

އެފަދަ ހާލަތެއްގައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި މުފްތީ މެންކް ދެއްވި ނަސޭހަތަކީ ދަރިން ދައްކާ ވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށެވެ. އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށެވެ. 

އެކަމަކު ”އެއީ އީމާންތެރިކަން ދަށްވެގެންވާ ކަމެކޭ”ބުނުމަކީ ރަނގަޅުގޮތެއް ނޫންކަމާއި، ނުވަތަ އެއީ އީމާންކަން ދަށްވުމަށް އޮންނަ ސަބަބަކަށް އެމީހަކު އަމިއްލައަށް ހެދުމަކީ ވެސް ރަނގަޅުގޮތެއް ނޫން ކަމަށް މުފްތީ މެންކް ފާހަގަކުރެއްވި އެެވެ. އެފަދަ ހާލަތުގައި ކެތްތެރިކަން ދެއްވުމަށާއި، ހާސްކަން ކުޑަކޮށްދިނުމަށް މާތްﷲ ދަންނަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

”މާތްﷲ އިންސާނާ ހައްދަވައި ހަމައެކަނި ދޫކޮށްލެއްވީ ނޫން. އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެ. އެލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެ.“ މެންކް ވިދާޅުވި އެވެ.

ދިރިއުޅުމުގައި ދިމާވާ ކަންބޮޑުވުންތަކާއި، ހާސްކަމާއި، ނުތަނަވަސްކަމުން ދުރުވެވިދާނެ ގޮތްތަކެއްވެސް މުފްތީ މެންކުގެ ދަރުހުގައި ރޭ ފާހަގަކުރެއްވި އެވެ. އެގޮތުން ފާހަގަކުރެއްވި އެންމެ މުހިންމު ކަމަކީ ހެނދުނު ތެދުވެ މީހާ ތާޒާވެލުމެވެ. ފަތިސް ނަމާދުން ދުވަސް ފެށުމެވެ.

”ދަތިކަމެއް. ބައެއް ދުވަސް ދުވަހު ހެނދުނު އެނދުން ތެދުވުމަށްވެސް ބޭނުން ނުވެދާނެ. އެކަމަކު ހިތްވަރުކޮށްފައި ފަތިހު ތެދުވެ، މީހާ ތާޒާ ވެލައި، ފަތިސް ނަމާދުން ދުވަސް ފެށުމަށް ހަށިގަނޑު ހާނުވާލައި. އެކަމަށް ހަށިގަނޑު ހޭނިއްްޖެނަމަ އެއީ މާ އުނދަގޫ ކަމަކަށް ނުވާނެ“ މެންކް ވިދާޅުވި އެވެ.

މެންކް ވިދާޅުވީ، އިންސާނާގެ ހަށިގަނޑުގައި ވެސް ގުދުރަތީ އެލާމް ކްލޮކެއްވާ ކަމަށާއި، އެކަމަށްޓަކައި ހަށިގަނޑާއި ނަފްސު ހާނުވާ، ސެޓަޕް ކުރަންޖެހޭ ކަމަށެވެ. ކޮންމެ ދުވަހަކު ފަތިހު ހޭލަން ބޭނުންނަމަ އަވަހަށް ނިދުމުގެ އާދަ ގެންގުޅެންޖެހޭ ކަމަށް ވިދާޅުވި އެވެ.

އަވަހަށް ނިދާފައި އަވަހަށް ހޭލަން ހަށިގަނޑު އާދަކުރުވައިފިނަމަ ފަތިހު ހޭލުމަށް އެލާމް ކްލޮކެއްގެ ބޭނުމެއް ނުޖެހޭނެ ކަމަށް މެންކް ވިދާޅުވި އެވެ.

ހާސްކަން ފިލުވައިދޭ ކަންކަމުގެ ތެރޭގައި ކޮންމެ ދުވަހަކު މަދުވެގެން ފަސް މިނެޓުވަންދެން ގުުރުއާން ކިޔެވުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އެކަމަކީ އިންސާނާގެ ހިތަށާއި ސިކުނޑިއަށް އަރާމް ލިއްބައިދޭނެ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމުގެ މައްޗަށް  ރޭ އަލިއަޅުވާލި މި ދަރުސްގައި މުފްތީ މެންކް ވަނީ އެކަންކަމުން ސަލާމަތްވުމަށް ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ހާއްސަކޮށް ވާރިދުވެފައިވާ ދުއާތައް ހިތުދަސްކޮށް އެ ދުއާތައް އަބަދުވެސް ކިޔައި އެކަމުން ބަރާކާތް ލިބިގަންނަން ނަސޭހަތްތެރިވެފަ އެވެ. 

އެއީ އެމީހާގެ ރޫހަށް ލިބިގެންދާ ކާނާކަމަށާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމުކަމެއްކަމަށްވެސް މުފްތީ މެންކް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް