ދީނީ އިލްމުވެރިޔާ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުލޫތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތައުރީފުކުރެއްވިއެވެ. އަދި މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމާ އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތަޢުރީފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢއިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިހްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.