ads
ނައިބު ރައީސް
ސީޕީޕީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދެއްވާ
ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭން (ސީޕީޕީ) ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ދިވެހިރާއްޖެއާގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައިވަނީ ކޮޕް27ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ހަރަކާތުގައި ތަގުރީރު ކުރައްވަމުންނެވެ. 

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި، އެހެނިހެން ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަރަށް ނާޒުކު ހާލަތެއްގައި ތިބި ޤައުމުތައް މި ސަމިޓުގައި ބައިވެރިވެފައި ވަނީ ބައިނަލްއަގްވާމީ މުޖުތަމައުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ގައުމުތަކުން އެދެނީ ހަމައެކަނި އެގައުމުތައް ނެތި ދިއުމުން ސަލާމަތްވާނެ ވަރަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި ގައުމުތަކަށްވެސް ކުރިއެރުމާއި، ތަނަވަސްކަމާއި، އަދި އެ ގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން ކަށަވަރުކޮށްދިނުން އެއީ އެރައްޔިތުންނަށް ލިބެންވާނެ ހައްގެއްކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސީޕީޕީއަކީ އިންވެސްޓްމަންޓް އިންސްޓްރޫމަންޓެއްގެ ގޮތުގައިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރެވޭނެ އެއްޗެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ ޕްރޮސްޕެރިޓީ ޕްލޭނަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް، ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށް ހުޅުވާލެވޭ ފުރުސަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ނޭޝަނަލް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގެ މައުލޫމާތު ސީވީއެފްގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ. މި ޕްލޭންގައި ކަނޑުގެ ލޮނުގަނޑު އުފުލުން މެނޭޖްކުރުމަށާއި، ރާއްޖޭގެ ފަރުތަކާއި ދިރުންތައް ހިމާޔަތްކުރުނާގެ ގޮތުގެ ތަފްސީލު ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ ރަށްތަކާއި މާލެއާ ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްގެންދެވޭނެ މަގުވެސް ސީޕީޕީގެ ތެރެއިން ފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

މި ހަފްލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކާމިޔާބު ފަހި ގޮތްތަކެއް ހޯދުމުގައި ކަމާގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކެއްގެ ހިއްސާއާއި އެހީތެރިކަން ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ. އަދި، ރާއްޖެއިން އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސީޕީޕީ އެކުލަވާލުމުގެ މަސައްކަތް ނިންމައި، ވީހާވެސް އަވަހަކަށް އެކަން ތަންފީޒު ކުރެވޭނެ މަގެއް ހޯދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިކަން ކުރުމަށްޓަކައި ފުރިހަމަ އެއްބާރުލުމާއި، މާލީ އެހީތެރިކަން ލިބުން މުހިންމުކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް