ރާއްޖޭގެ ނޫސްވެރިކަން ވަށާލައި، ބައްދާލަން ނަގާ ވިލާގަނޑު އެެއްލާލެވި ނޫސްވެރިކަމަށް އޮތް ބިރުވެރިކަން ނައްތާލެވޭނެ ކަމަށް މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެއްޖެ އެވެ.

Advertisement
މިހާރު ބާއްވަމުންދާ ނޫސްވެރިކަމުގެ އިނާމް ހަފްލާގައި ވާހަކަދައްކަވަމުން ޝަފާއު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން އާ ޒަމާނަކަށް ފުރޮޅެމުންދާއިރު، މިހާތަނަށް މުހިންމު ކާމިޔާބީތަކެއް މީޑިއާ ކައުންސިލަށް ހާސިލުކުރެވިފައިވާ ކަމަށެވެ
އެގޮތުން ފާހަގަކުރެއްވީ:
- 11 އަހަރަށްފަހު ނޫސްވެރިންގެ އަހްލާގީ މިންގަނޑު އިސްލާހުކޮށް އަމަލުކުރަން ފެށުން
- އިންޓަނޭޝަަނަލް ތަމްރީންތަކާއިއެކު ގިނަ އަދަދެއްގެ ޒުވާން ނޫސްވެރިން ނޫސްވެރިކަމަށް ނެރެދެވުން
- ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާ ތަކުގެ ދަފްތަރު އެކުލަވާލުމުގެ އާ އުސޫލު ތަރުތީބުކުރުން
ޝަފާއު ވިދާޅުވީ، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ބިރު އަދި ނުރައްކާތައް އަބަދުވެސް އެކި ސިފަސިފާގައި އޮންނަ ކަމަށެވެ. އެގޮތުން މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެންނަން މަޖިލީހުން މަސައްކަތްކުރާ އިސްލާހު ފާހަގަކުރެއްވި އެވެ.
”އަދި ނޫސްވެރިންނާއި ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާނެ އިސްލާހެއް ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައި އެބައޮތް. އެގޮންޖެހުމުގެ ވިލާގަނޑުވެސް ނަގަމުން އެބަދޭ. މިކަން މިހެން އޮއްވާވެސް މީޑިއާ ކައުންސިލުން ވާނީ ނޫސްވެރިކަމަށް އޮތް ގޮންޖެހުން ކުޑަކުރަން އަދި ޒަމާނާ ފައިހަަމަ ކުރަން ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހަށް ފޮނުވާފަ. އެކަންވެސް ވާނެ އަދި ނޫސްވެރިކަން ވަށާ ބައްދާލަން ނަގާ ވިލާގަނޑުވެސް އެއްލާލެވޭނެ،“ ޝަފާއު ވިދާޅުވި އެެވެ.
ޝަފާއު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން ވަޑިފަތިވެ، ނޫސްވެރިކަމުގެ މާލީ ހާލަތު އޮތްގޮތް އެންމެނަށްވެސް އެނގޭ ކަމަށާއި، އެކަމަށް ފަރުވާ ހޯދުމަށް މީޑިއާތަކާއި ގުޅޭ ބޭސް ލައިން ސްޓަޑީއެއް ފުރިހަމަ ކުރަމުން ދާ ކަމަށެވެ. އަދި މީޑިއާ ގުރާންޓް ސްކީމެއް ފުރަތަމަ ފަހަރަށް ފަށާފައިވާނެ ކަމަށް ވިދާޅުވި އެވެ.