ads
ސުޕްރީމް ކޯޓާއި މުއައްސަސާތައް ބަދަލުވި އަހަރެއް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދައުލަތުގެ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަން ހޯދައިދެއްވާނެ ކަމުގެ ވައުދާ އެކު އެވެ.
Advertisement
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދައުލަތުގެ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަން ހޯދައިދެއްވާނެ ކަމުގެ ވައުދާ އެކު އެވެ. 2019 ވަނަ އަހަރު ފެނިގެން ދިޔައީ އެކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގަ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައީ ޝަރުއީ ދާއިރާއާ ގުޅިފައިވާ އިދާރާތަކަށް ކަމަށް ބުނެވިދާނެ އެވެ. މީގެތެރެއިން ވެސް އެންމެ ބޮޑު ބަދަލެއް އައީ ދައުލަތުގެ އެއްބާރުގެ ތެރޭގައި ހިމެނޭ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓަށް އައި ބޮޑު ބަދަލު:

ސުޕްރީމް ކޯޓަށް އައި އެންމެ ބޮޑު ބަދަލަކީ 2019 ވަނަ އަހަރު ފެށުނުއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަހަރު ނިމުނުއިރު އެތަނުގައި ނެތުމެވެ. ކުރުކޮށް ބުނާނަމަ ސުޕްރީމް ކޯޓު ވަނީ އެކީގައި ބަދަލުކޮށްލާފަ އެވެ. 2019 ވަނަ އަހަރު ފެށުނުއިރު ސުޕްރީމް ކޯޓުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، އަބްދުލް ޣަނީ މުހައްމަދާއި، އަބްދުﷲ ދީދީއާއި، އާދަމް މުހައްމަދުގެ އިތުރުން އަބްދުﷲ އަރީފް އެވެ. މިފަސް ބޭފުޅުންގެ ތެރެއިން އަރީފް ފިޔަވާ ދެން ތިއްބެވި ހުރިހާ ބޭފުޅުން ވެސް މަގާމުން ވަކިކުރެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލައި އެމައްސަލަތައް ސާބިތުވާ ކަމަށް ނިންމުމުން އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެގޮތުން އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރީ 28 އޯގަސްޓް 2019 ގައެވެ. އާދަމް މުހައްމަދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރީ 28 ނޮވެމްބަރު 2019 ގައެވެ. އަރީފް ވަނީ އޭނާގެ މައްސަލަ ޖޭއެސްސީގައި ބައްލަވަމުން ގެންދަވަނިކޮށް ފަނޑިޔާރުންނަށް އޮންނަ ރިޓަޔާމަންޓް ސްކީމަށް އެދިވަޑައިގެން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމުމުގެ ކުރިން އެ ސްކީމް ހޯއްދަވާ ފަނޑިޔާރު ކަމުން ރިޓަޔާކުރައްވާފަ އެވެ. އެގޮތުން އޭނާ ރިޓަޔާ ކުރެއްވީ 21 ނޮވެމްބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން އެތަނުން ބޭރުކުރިއިރު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވާ ގޮތަށް ދެވަނަ ފަހަރަށް ހަމަޖެއްސެވީ ވެސް 2019 ވަނަ އަހަރު އެވެ. މިއިސްލާހު މަޖިލީހުން ފާސްކުރީ 17 ޖުލައި 2019 ގައެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް 2019 ވަނަ އަހަރު ގެނައި ބޮޑު ބަދަލާ އެކު މިހާރު އެތަނުގައި މަދުވަނީ ދެ ފަނޑިޔާރެކެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަ ފަނޑިޔާރުންގެ ތެރެއިން އެތަނަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޑރ. އަޒްމިރާލްދާ ޒާހިރާއީ، އައިޝާ ސުޖޫން އެެވެ. މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ 4 ސެޕްޓެމްބަރު 2019 ގައެވެ. މިއީ ސުޕްރީމް ކޯޓުގެ ތާރީހުގައި ވެސް އެތަނުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެފަހުން 4 ނޮވެމްބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ފަހުން އައްޔަންކުރެއްވީ ހުސްނުއްސުއޫދާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު މުއުތަސިމް އަދުނާން އެވެ. މި ދެ ބޭފުޅުން މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

2019 ވަނަ އަހަރު ނިމުނުއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ ލަފާ ހޯއްދެވުމަށް ދެ ބޭފުޅެއްގެ ނަން ޖޭއެސްސީ އަށް ފޮނުވާފަ އެވެ. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ. ނަމަވެސް މި ދެ ބޭފުޅުންނާ ގުޅުންހުރި މައްސަލަތަކެއް ޖޭއެސްސީ ބަލަމުންދާތީ 2019 ވަނަ އަހަރު ނިމުނުއިރު ވެސް މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހަށް ފޮނުވުމާ މެދު ވަނީ ގޮތެއް ނިންމޭ ގޮތް ނުވެފަ އެވެ.

ޖޭއެސްސީގެ މެންބަރުންނަށް އައި ބޮޑު ބަދަލާ އެކު ޝަރުއީ ދާއިރާއަށް ބަދަލުތަކެއް:

ޖޭއެސްސީގައި ތިއްބަވާ 10 މެންބަރުންގެ ތެރެއިން ތިން މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ވެސް ވަނީ މިއަހަރުގެ ތެރޭގައި ބަދަލުވެފަ އެވެ. 2019 ވަނަ އަހަރު ފެށުނުއިރު ޖޭއެސްސީގައި ތިއްބެވި މެންބަރުންގެ ތެރެއިން އަހަރު ނިމުނުއިރު ވެސް އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަދި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލް ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި، ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ ވަކީލުގެ ހައިސިއްޔަތުން އަބްދުލް މާނިއު ހުސައިން އެވެ. މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައިޝާ ސުޖޫންއާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަލީ ސަމީރާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އަލީ ޝަރީފް ވެސް ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރު އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެންބަރުގެ، މެންބަރު ކަމުގެ ދައުރު 2019 ވަނަ އަހަރުގެ ތެރޭގައި ހަމަވެފައިވީ ނަމަވެސް އަހަރު ނިމިގެން ދިޔައިރު އެ މަގާމަށް އެއްވެސް ބޭފުޅަކު އައްޔަންކުރެވިފައެއް ނުވެ އެވެ. ޖޭއެސްސީގެ މެންބަރުންނަށް އައި ބޮޑު ބަދަލާ އެކު ޖޭއެސްސީގެ ރައީސް ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖެހިގެން ދިޔައީ ވެސް 2019 ވަނަ އަހަރު އެެވެ. އެގޮތުން ޖޭއެސްސީގެ ރައީސް ކަމަށް ހިސާން ހުސައިން އައްޔަންކުރަން ޖޭއެސްސީން ނިންމީ 13 ނޮވެމްބަރު 2019 ގައެވެ.

ޖޭއެސްސީގެ މެންބަރުންނަށް އައި ބޮޑު ބަދަލާ ގުޅިގެން ޝަރުއީ ދާއިރާއަށް ވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ޖޭއެސްސީ އަކީ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ހައިސިއްޔަތު އޮތް މުއައްސަސާ ކަމަށްވާތީ 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެތައް ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަފާތު ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗް އެއްކޮށް ބަދަލުކޮށްލުމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ހައިލަމް މަގާމުން ވަކިކުރަން ނިންމުމާއި، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ. މީގެއިތުރުން މާލޭގެ ތަފާތު ކޯޓުތަކުގެ އެކިއެކި ފަނޑިޔާރުންނާއި އަތޮޅު ތެރޭގެ ބައެއް ފަނޑިޔާރުންވެސް ސަސްޕެންޑް ކުރުމާއި މަގާމުން ވަކިކުރުމަށް ވެސް 2019 ވަނަ އަހަރު ޖޭއެސްސީ ވަނީ ނިންމާފަ އެވެ. ޖޭއެސްސީގެ މަސައްކަތްތައް 2019 ވަނަ އަހަރު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާއިރު އެކޮމިޝަންގެ ބައެއް ނިންމުންތަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެެވެ.

ޖޭއެސްސީގެ މެންބަރުންނަށް އައި ބަދަލާ އެކު އެކޮމިޝަންގެ ދަށަށް ޝަރުއީ ދާއިރާގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދާ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް ބަދަލުކުރީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. 2019 ވަނަ އަހަރު ފެށުނުއިރު އެތަން ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމާ އެކު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ޖޭއެސްސީއާ ދެމެދު ބޮޑެތި ކޯޅުންތަކެއް ވެސް 2019 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވެ އެވެ.

ޕީޖީގެ މަގާމާ ހުސައިން ޝަމީމް ހަވާލުވެވަޑައިގަތުން:

ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ބޮޑެތި ފާޑުކިޔުންތަކެއް 2018 އަދި 2019 ވަނަ އަހަރު އަމާޒުވި އެއް މުއައްސަސާއަކީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހެވެ. ޕީޖީގެ މަގާމުގައި ހުންނަވައިގެން އައިޝަތު ބިޝާމް އެތައް ބައެއްގެ މައްޗަށް އުފުއްލެވި ސިޔާސީ ދައުވާ ތަކުގައި އެތައް ބަޔަކު ޖަލަށްލެވި އެތައް ބަޔަކަށް ނުހައްގު އެތައް އަނިޔާއެއް ލިބިފައިވެ އެވެ. މިކަމާ ގުޅިގެން 2019 އަހަރުގެ ވަރަށް ފަހަކާ ޖެހެންދެންވެސް ބިޝާމަކީ އެންމެ ބޮޑު ޕްރެޝަރެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި އެއް ބޭފުޅާ އެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އެކި ފަހަރު މަތިން ހުށަހެޅި މައްސަލަ އެކިގޮތްގޮތަށް ބަދަލުވަމުން ގޮސް އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރީ 28 ނޮވެމްބަރު 2019 ގައެވެ. ނަމަވެސް އެ ދުވަހު މަގާމުން ވަކިކުރަން މަޖިލީހުން ވޯޓަށް އެހުމުގެ ކުރިން ބިޝާމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ބިޝާމަށް ފަހު ޕީޖީގެ މަގާމާ ހަވާލުވެވަޑައިގަތީ އެ އޮފީހުގެ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އެވެ. ޖިނާއީ މައްސަލަތަކުގައި އެންމެ ފާހަގަކޮށްލެވޭ ވަކީލުންގެ ތެރޭގައި ހިމެނޭ ހުސައިން ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާ ގުޅިގެން އޭނާ ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.

ޝަމީމް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި މާގިނަ ދުވަސްތަކެއް ނުވާތީ އޭނާގެ ޕީޖީ ކަމުގައި ފެނިގެންދާނެ ބަދަލުތަކަށް އަދި އޮތީ އިންތިޒާރު ކުރުމެވެ. ޝަމީމަށް ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާ އަށް ބަލާއިރު ޕީޖީ އޮފީހުގެ ތެރެއިން ރަނގަޅު ބަދަލުތަކެއް 2020 ވަނަ އަހަރު ފެނިގެންދާނެ ކަމަށް އުއްމީދުކުރަމެވެ.

މީރާ، އޭސީސީ، ބްރޯޑްކޮމަށް ގެނެވުނު ބަދަލުތައް:

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ ދައުލަތާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ގާނޫނަކުން އުފައްދާފައިވާ މިނިވަން ގާނޫނީ ޝަހްސަކަށްވީ ނަމަވެސް މިދިޔަ ހަތަރު ފަސް އަހަރު އެ ކޮމިޝަނުން މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް 2019 ވަނަ އަހަރު ފެށުނުއިރު ވެސް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން އެންމެ ފުރަތަމަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރީ އޭސީސީއަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެށުނުއިރު އޭސީސީގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަން ލުތުފީއަށް އަމާޒުވި އެތައް ފާޑު ކިޔުމަކާއި ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވީ 26 ޖޫން 2019 ގައެވެ. ލުތުފީ މަގާމުން އިސްތިއުފާ ދެއްވީ އޭނާ އޮފީހަށް ނުނިކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާ އެތައް މަހެއް ފާއިތުވުމުން އޭނާ މަގާމުން ވަކިކުރުމަށް 26 ޖޫން 2019 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. އޭސީސީގައި ދެން ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމާ ގުޅިގެން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ނަންތަކުގެ ތެރެއިން ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވެސް 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން އޭސީސީގެ ރައީސްގެ ގޮތުގައި ހުންނެވި މަރިޔަމް ޝިއުނާއާއި، އޭސީސީގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ފާތިމަތު އަނޫލާއާއި، އޭސީސީގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ އަޝްރަފާއި، އައިޝަތު އަބްދުﷲ އަށް ރުހުން ދިނުމަށް މަޖިލީހުން ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރެއްވީ 9 ސެޕްޓެމްބަރު 2019 ގައެވެެ. އޭގެކުރިން 25 އޯގަސްޓް 2019 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭސީސީގެ މެންބަރު ކަމަށް އިބްރާހީމް ޝަކީލް އައްޔަންކުރައްވާފަ އެވެ.

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެންބަރުންނާ އެކު އެކޮމިޝަންގެ މަސައްކަތްތަކުގައި ބަދަލުތަކެއް ވަނީ ފެންނަން ފަށާފަ އެވެ. އަދި ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުން ކޮމިޝަނާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކެއް އަދި ސިޔާސީ އެތައް ބޭފުޅެއްގެ މައްސަލަ އެއް ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަކީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ނަގައިދޭ އިދާރާ އެވެ. މިނިވަން އިދާރާއެއްގެ ގޮތުގައި މީރާ ހިންގަން ޖެހުނު ނަމަވެސް މީރާ އިން ވެސް މީގެކުރިން ވަނީ ފާޑު ކިޔުން ބޮޑު އެތަން ނިންމުމެއް ނިންމާ، ވަކި ކުންފުނިތަކެއްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެހެންކަމުން 2019 ވަނަ އަހަރު ފެށުނުއިރު ވެސް މީރާ އަކީ ވިޔަފާރިތަކަށް ހުރި ނުރައްކަލެއްް ކަމަށް ބައެއް ވިޔަފާރިވެރިން އަދި ބައެއް ކުންފުނިތަކުން ދިޔައީ ބުނަމުންނެވެ.

ނަމަވެސް މީރާގެ އެންމެ އިސްވެރިންގެ މަގާމުގެ ދައުރު ކަނޑައެޅުމަށް މީރާގެ ގާނޫނަށް ގެނައި އިސްލާހާ އެކު އެތަނުގެ ވެރިންވެސް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލުވެފަ އެވެ. އެގޮތުން މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލު އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރެއްވީ 31 އޮކްޓޫބަރު 2019 ގައެވެ. މިދެ ބޭފުުންނާ އެކު މީރާގެ ބޯޑަށް ވެސް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ ބަދަލު އައިސްފަ އެވެެ.

މީރާގެ އިސްވެރިންނަށާއި މީރާގެ ބޯޑަށް އައި ބަދަލުތަކާ އެކު ރައްޔިތުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރު ބައެއް ޓެކްސްތައް އަލުން ނެގުމަށާއި އަދި ކުރިން ނަގަމުން އައި ބައެއް ޓެކްސްތައް އުވާލުމަށް ފާސްކޮށްފަ އެވެ. ނަމަވެސް ޓެކްސް ނިޒާމަށް ގެނައި މިބަދަލުތައް ތަންފީޒު ކުރާނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެންމެ ބޮޑު ބަދަލަކަށް ވާނީ 2020 ވަނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުމެވެ. އާންމު ރައްޔިތުންގެ އުއްމީދަކަށް ވާނީ މީރާގެ އިސްވެރިންނާއި ބޯޑަށް ބަދަލާ އެކު 2020 ވަނަ އަހަރުގެ ތެރޭގައި ޓެކްސް ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސް އާންމުންނަށް ފަސޭހަވުމެވެ. އެހެންނޫނީ މީރާގެ އިސްވެރިންނަށް ގެނެވުނު ބަދަލުގެ ބޭނުމެއް ނުފެންނާނެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަކީ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރާ މިނިވަން އިދާރާއަކަށް ވާތީ ބްރޯޑްކޮމް އަށް ފާޑުކިޔާ ނަމަ އެންމެ ބޮޑަށް ފާޑު ކިޔާނީ މިފަރާތްތަކުންނެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ބްރޯޑްކޮމްގެ ނިންމުންތައް ސަރުކާރުގެ އިދާރާއަކަށް ވުރެ ބޮޑަށް ސިޔާސީވެ، އެއްވެސް ހަމައެއް އުސޫލެއް ނެތުމުން ސިޔާސީ ބޭފުޅުންނާއި އާންމު އެތައް ރައްޔިތެއްގެ ފާޑުކިޔުން ބްރޯޑްކޮމް އަށް އަމާޒުވެފައިވެ އެެވެ. އެކޮމިޝަންގެ ބައެއް މެންބަރުން ވަނީ ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެން މަސައްކަތް ކުރުމަށް ހުށަހެޅުންތައް އައި ކަމަށާއި ވަކިވަކި މީޑިއާތައް ތަފާތުކޮށްގެން ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާކޮށް ނައްތާލަން މަސައްކަތް ކުރެއްވި ކަމަށް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފަ އެވެ.

ބްރޯޑްކޮމް އަށް އަމާޒުވީ ފާޑުކިޔުންތަކަށް 2019 ވަނަ އަހަރު ފެށުނުއިރުވެސް ހުއްޓުމެއް އައިސްފައި ނުވާތީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަކުން ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު ޝަހީބާއި، ބްރޯޑްކޮމްގައި ކުރިން ނައިބް ރައީސް ކަން ކުރެއްވި އިސްމާއިލް ސޮފްވާނާއި، ފާތިމަތު ޒައިނާގެ އިތުރުން ހަސަން ނަބާހް ވަކިކުރަން ނިންމާފަ އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން މިމައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ޝަހީބާއި، ސޮފްވާން އަދި ނަބާހް ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. ޒައިނާ އިސްތިއުފާ ނުދެއްވުމުން މަޖިލީހުން އޭނާ މަގާމުން ވަކިކުރަން ފާސްކުރީ 14 އޮކްޓޫބަރު 2019 ގައެވެ.

މިހަތަރު ބޭފުޅުންގެ ބަދަލުގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާއި، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި، ކުރީގެ ކައުންސިލަރު އަހްމަދު ގައިސް ވަނީ އައްޔަންކުރައްވާފަ އެވެ. މަޖިލީހުން ރުހުން ދެއްވުމުން މިތިން ބޭފުޅުން ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި 5 ޑިސެމްބަރު 2019 ގައި ކޮމިޝަންގެ މެންބަރުން ވަނީ ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް މަރިޔަމް ވަހީދާއި ނައިބް ރައީސްގެ މަގާމަށް އަހްމަދު ގައިސް އައްޔަންކުރުމަށް ނިންމަވާފަ އެވެ.

ކޮމިޝަންގައި ހަތް ބޭފުޅުން ތިއްބަވަން ޖެހޭއިރު 2019 ވަނަ އަހަރު ނިމިގެން ދިޔައީ ކޮމިޝަންގައި އެއް މެންބަރު މަދެވެ. އަދި 2019 އަހަރުގެ ބޮޑު ބައެއްގައި ބްރޯޑްކޮމްގެ މެންބަރުންގެ ގާނޫނީ އަދަދު ހަމަނުވާތީ އެ ކޮމިޝަން ހިނގަމުން ދިޔައީ ގާނޫނީ ހުސްކަމެއްގަ އެވެ.

ބްރޯޑްކޮމްގެ މެންބަރުންނަށް 2019 ވަނަ އަހަރު ބޮޑު ބަދަލެއް އައި ނަމަވެސް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އެތައް ޝަކުވާއެއް ހުރީ އަހަރު ނިމުނުއިރު ހައްލު ނުވެ އެވެެ. އެހެންކަމުން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އުއްމީދަކީ 2020 ވަނަ އަހަރު އެ ފަރާތްތަކުން ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމެވެ.

ދައުލަތުގެ އެހެން ބައެއް އިދާރާތަކަށް ބަލާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުސައިން ފިޔާޒު މޫސާ ހަމަޖެއްސެވުމާއި، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރުމަކީ ވެސް 2019 ވަނަ އަހަރު މުއައްސަސާތަކުން ފެނިގެން ދިޔަ ރަނގަޅު ބަދަލުތަކެއް ކަމަށް އުއްމީދު ކުރެވެ އެވެ. 2019 ވަނަ އަހަރު ނިމިގެން ދިޔައީ ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ ބައެއް ބޭފުޅުންގެ މައްސަލަތައް ވެސް މަޖިލީހުން ބަލަމުން ދަނިކޮށެވެ. އެހެންކަމުން 2020 ވަނަ އަހަރަކީ ވެސް ދައުލަތުގެ ބައެއް މުއައްސަސާތަކަށް ބައެއް ބަދަލުތައް އަންނާނެ އަހަރަކަށް ވާނެ އެވެ. އަންނަ ކޮންމެ ބަދަލަކާ އެކު ރައްޔިތުންނަށް އިންސާފު ކަށަވަރު ވާނަމަ ރައްޔިތުންގެ މައްސަލައެއް ނެތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;