ads
ފޮޓޯ:ރައީސް އޮފީސް
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭން ކެބިނެޓުން ފާސްކޮށްފި
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި އެވެ.
Advertisement

ނޭޝަނަލް އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން މިއަދުގެ ކެބިނެޓް ސެޝަންގައި މި ޕްލޭނާ ބެހޭ މައުލޫމާތު، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިން ކޮމިޓީން ވަޒީރުންނާ ހިއްސާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކައިގައި، އަލަށް އެކުލަވާލި ނޭޝަނަލް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ފިޔަވަޅުތައް އަވަހަށް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ސްޓިއަރިން ކޮމިޓީން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ. 

އެގޮތުން، އެ އެކްޝަން ޕްލޭން ހިނގާނެ މުއްދަތު ކަމަށްވާ 30 މާޗް 2020 އިން ފެށިގެން 31 ޑިސެމްބަރު 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ވެއެވެ.

އޭގެ ތެރޭގައި މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކުރުން ހިމެނެއެވެ.

އޭގެ އިތުރުން ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ގާނޫނަށް އިސްލާހު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް އަލުން ގާއިމްކުރުން ހިމެނެއެވެ.

ހަމައެހެންމެ ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އިޖުތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ޓްރެފިކިން އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވަލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިން ކޮމިޓީން އިސްނަގައިގެން ރާއްޖޭގައިވެސް ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް