ads
ޓާޓާ އިން އެއާ އިންޑިއާ އާއި ވިސްޓާރާ އެއާލައިން ގުޅުވާލަނީ
ޓާޓާ ގްރޫޕުން އެއާ އިންޑިއާ އާއި ވިސްޓާރާ އެއާލައިން ގުޅުވާލަނީ
އިންޑިއާގެ ޓާޓާ ގުރޫޕުން އެއާ އިންޑިއާ އާއި ވިސްޓާރާ އެއާލައިން ގުޅުވާލުމަށް ނިންމައިފިއެވެ.

އެ ގުރޫޕާއި ސިންގަޕޫރު އެއާލައިންސް (އެސްއައިއޭ) އާ ގުޅިގެން ޖޮއިންޓް ވެންޗަ އުސޫލުން ހިންގަމުން އަންނަ ވިސްޓާރާ އާއި އެއާ އިންޑިއާ އެއްކޮށްލުމަށް ނިންމާފައިވަނީ އެތެރޭގެ އަދި ބައިނަލް އަގުވާމީ ވައިގެ ދަތުރުފަތުރު ތަކުގައި މިހާރު އެކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށް ޓާޓާއިން ބުނެ އެވެ.

ޓާޓާ ގުރޫޕުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އެއާލައިން އެއްކޮށްލައިގެން އެއް އެއާލައިނެއްގެ ގޮތުގައި ހިންގުމަށް އެއްބަސްވެފައިވަނީ 74.9 އިންސައްތަ އެކުންފުނިން ހިއްސާ ކުރާ ގޮތަށެވެ. ބާކީ 25.1 އިންސައްތަ ހިއްސާ ކުރާނީ ސިންގަޕޫރު އެއާލައިނުން ނެވެ.

ޓާޓާއިން އިތުރަށް ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން އެސްއައިއޭ އިން އެއާ އިންޑިއާ އަށް 252 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށާއި ދެ ކުންފުނީގެ ވެސް އަމާޒަކީ ނަގަންޖެހޭ ހުއްދަތަކަށް ރިއާޔަތްކޮށް 2024 ވަނަ އަހަރުގެ މާޗް މަހުގެ ކުރިން ވިސްޓާރާ އާއި އެއާ އިންޑިއާ އެއްކޮށްލުމަށް ފަހު އެއް އެއާލައިނެއްގެ ގޮތުގައި ހިދުމަތްދޭން ފެށުން ކަމަށެވެ.

ޓާޓާ ގްރޫޕުގެ ޗެއާމަން ނަތަރަޖަން ޗަންދްރަސޭކަރަން ވިދާޅުވި ގޮތުގައި މިއީ "ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް" އެއާ އިންޑިއާ އަލުން ހެދުމަށް ކުރެވެމުން އައި މަސައްކަތުގެ މުހިންމު ކަމެއް ކަމަށެވެ. 

"އެއާ އިންޑިއާ އިން ސަމާލުކަން ދޭނީ ނެޓްވޯކާއި ފްލީޓްތައް ވެސް ކުރިއަރުވައި ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތާ މެދު ދެކޭގޮތް ރަނގަޅުކޮށް ރައްކާތެރިކަން ކަށަވަރުކުރުމާ އެކު އިތުބާރު ކުރެވޭ ފަދަ ހިދުމަތެއް ދިނުުމާ އެކު ގަޑިއަށް ހިދުމަތް ފޯރުކޮށްދިނުމަށް،" ޗަންދްރަސޭކަރަން ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގައި އެންމެ ހިނގާ އިންޑިގޯ އާ ވަރުގަދަ ވާދަވެރިއެއް އުފެދި، އެތެރޭގެ އުދުހުމުގެ މާކެޓެއް ނެތް އެސްއައިއޭ އަށް ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް އޭވިއޭޝަން މާކެޓުގައި ވަރުގަދައަށް ފައިތިލަ ސާބިތުކޮށްލެވޭނެ އެވެ.

އިންޑިގޯ އަކީ 2006 ވަނަ އަހަރު އުފެދުނު ބަޖެޓް އެއާލައިނެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް މާކެޓް  56.7 އިންސައްތަ ކޮންޓޯލް ކުރާ އިންޑިއާގެ އެންމެ ބޮޑު ޕެސެންޖަ އެއާލައިނަކީ ވެސް އިންޑިގޯ އެވެ.

މި އެއްބަސްވުމުގެ ސަބަބުން އެއާލައިން ހިންގުމާ ބެހޭ ހުރިހާ މަސައްކަތްތަކެއް އަންނާނީ އެއާ އިންޑިއާ އަދި އެއާ އިންޑިއާ އެކްސްޕްރެސްގެ ދަށަށް ށެވެ. އެއާ އިންޑިއާ އެކްސްޕްރެސް އަކީ ވެސް ޓާޓާ ކުންފުނިން އެއާ އޭޝިއާ އިންޑިއާގައި ވާ އެއާ އޭޝިއާގެ ހިއްސާ ގަތުމަށް ފަހު މިހާރު އެއްކުރަމުންދާ ކުންފުންޏެކެވެ.

އެއާ އިންޑިއާ އަކީ އިންޑިއާގެ އެންމެ ބޮޑު ބައިނަލް އަގުވާމީ ކެރިއަ އަދި ދެ ވަނަ އަށް އެންމެ ބޮޑު ޑޮމެސްޓިކް ކެރިއަރެވެ.

އެސްއައިއޭ އިން ބުނިގޮތުގައި ކުރިއަށް އޮތް މާލީ ދެ އަހަރު ދުވަހުގެ ތެރޭގައި އެއާ އިންޑިއާގެ ހިދުމަތްތައް ފުޅާކޮށް މާލީ ގޮތުން ކުރިއެރުން ހޯދުމަށް ފައިސާ ހޯދަން ޖެހިއްޖެ ނަމަ ދެ ކުންފުނި އެކުގައި އިތުރު އިންވެސްޓްމެންޓްތައް ކުރުމަށް ޓާޓާ އާއެކު އެއްބަސްވެވިފައިވާ ކަމަށެވެ.

ދެ އެއާލައިން އެއްކޮށްލާ ނިމުމުން ދައްކަން ޖެހޭ ޕޯސްޓް ކޮމްޕްލިޝަން ސްޓޭކްގެ 25.1 އިންސައްތަ ހިއްސާގެ މައްޗަށް ބިނާކޮށް އެސްއައިއޭ އިން ދައްކަން ޖެހޭ 615 މިލިއަން ޑޮލަރާ ހަމައަށް ހަރަދު ކުރެވޭނެ ކަމަށާއި އެކަމަށް ފައިސާ ހޯދާނީ އެތެރޭގެ ފައިސާގެ ވަސީލަތްތަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެއާ އިންޑިއާ އަށް ގެންނަ މި ބަދަލަށް އެހީތެރިވެ، އެ އާލައިންގެ ގާބިލުކަން އިތުރުކޮށް ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު އެއް އެއާލައންގެ މަގާމަށް އަނބުރާ ގެނައުމަށް ގުޅިގެން މަސައްކަތް ކުރާނަން،" އެސްއައިއޭ ގެ ޗީފް އެގްޒެކެޓިވް ގޯ ޗޫން ފޮންގް މީޑިއާއަށް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން އުފެދޭ އާ އެންޓިޓީ އަށް އިންޑިއާގެ މާކެޓް 24 އިންސައްތައިގެ ކޮންޓްރޯލް ލިބޭ އިރު، އެކަން ވާނީ 56 އިންސައްތަ ހިއްސާ އޮންނަ އިންޑިގޯގެ އިތުރުން ބައިނަލް އަގުވާމީ ޓްރެފިކްގެ ބޮޑު ހިއްސާ އެއް އޮންަނަ ފުލް ސާވިސް މެދުއިރުމަތީގެ ވާދަވެރިންނަށް ވެސް އިތުރު ވަރުގަދަ ވާދަވެރިއަކު ލިބިގެން ދިއުން ކަމުގައި ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ވިސްޓާރާ އާއި އެއާ އިންޑިއާ އެއްކޮށްލުމުން މަތިންދާ ބޯޓު އުފައްދާ ދެ ކުންފުނި ކަމަށްވާ ބޮއެންގް އަދި އެއާބަސް އާ ދެމެދު ބަހާލައިގެން 218 މަތިންދާބޯޓުގެ ފްލީޓެއް ޓާޓާ އަށް ލިބޭނެ އެވެ. މި އާއެކު، އިންޑިއާ ގެ އެންމެ ބޮޑު ބައިނަލް އަގުވާމީ ކެރިއަ އަދި ދެވަނަ އަށް އެންމެ ބޮޑު ޑޮމެސްޓިކް އެއަލައިނަކަށް އެއާ އިންޑިއާ ވެގެންދާނެ ކަމަށް މީޑިއާތަކުން ބުނެ އެެވެ.

އެއާ އިންޑިއާ އިން ސެޕްޓެމްބަރު މަހު ބުނެފައި ވަނީ ބޮއެންގް އަދި އެއާބަސްގެ 30 ބޯޓު ކުއްޔަށް ހިފާނެ ކަމަަށާއި ކައިރި މުސްތަގުބަލެއްގައި އެއާ އިންޑިއާގެ ފްލީޓް 25 އިންސައްތަ އަށް ވުރެ ބޮޑުވާނެ ކަމަށެވެ. އިންޑަސްޓްރީގެ މަސްދަރުތަކުން ހަވާލާދޭ ގޮތުގައި އެ އެއާލައިނުން ދަނީ 300 އެއްހާ ނެރޯ ބޮޑީޑް އަދި 70 ވައިޑް ބޮޑީޑް ޖެޓް ހޯދުމަށް ބޮޑު އޯޑަރެއް ހެދުމަށް ވިސްނަމުންނެވެ.

މީގެ ގާތްގަނޑަކަށް 90 އަހަރަކު ކުރިން، 1932 ވަނަ އަހަރު ޖޭއާރުޑީ ޓާޓާ އިން އުފެއްދި އެއާލައިނުން އުތުރު އެމެރިކާ، ޔޫރަޕް، އޭޝިއާ، އޮސްޓްރޭލިއާ އަދި ގަލްފުގެ މަގުބޫލުކަން ހޯދައިފައިވާ ހުރިހާ މަންޒިލަކަށް ވެސް ދަތުރުކުރެއެވެ. އެ އާލައިން އިންޑިއާ ގެ ސަރުކާރުގެ ދަށަށް ގެންދިޔައީ 1953 ވަނަ އަހަރު އެވެ. 

ޓާޓާ ގްރޫޕްގެ ދަށުން ހިނގާ ގާތްގަނޑަކަށް 100 ކުންފުނި އޮވެ އެވެ. އޭގެތެރޭގައި އިންޑިއާގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުންޏާއި އެންމެ ބޮޑު އަމިއްލަ ދަގަނޑު އުފައްދާ ކުންފުނީގެ އިތުރުން އިންޑިއާގައި ނަން ހިނގާ އައުޓްސޯސިން ކުންފުންޏެއް ހިމެނެ އެވެ. އެ ކުންފުނިތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 350،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް