ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ ކަންކަން ހާސިލުކުރެވިއްޖެ ނަމަ އައިއެމްއެފްގެ ޕްރޮގްރާމްގެ ދަށުން 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޓްރާންޗްތަކެއް ލަންކާގެ މަރުކަޒީ ބޭންކަށް ދޭނެ އެވެ. އެ އާއެކު މަލްޓީލޭޓްރަލް ލޯނު ދޫކުރާ ފަރާތްތަކަށް ސަރުކާރަށް ލޯނު ދިނުމަށް އަލުން ފެށޭނެ އެވެ.
ކޮލަމްބޯ ގައި ހުންނަ ބްރޯކަރީ އެއް ކަމަށްވާ ސީޓީ ސީއެލްއެސްއޭ ސެކިއުރިޓީޒް އިން އިންތިޒާމުކުރި ވިޔަފާރި ފޯރަމެއް ގައި ކޫމަރަސްވާމީ ވިދާޅުވީ ވޯލްޑް ބޭންކާ އެކު މިހާރު މަޝްވަރާ ކުރަމުންދާ ޕޮލިސީ ލޯނަކުން ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރު ލިބިދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ވެސް ގާތްގަނޑަކަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު ދީފާނެ ކަމަށާއި އޭގެ ބޮޑު ބައި ހިމެނޭނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށެވެ.
ޖަޕާނުން ވެސް ފައިސާ ދޭނެ ކަމަށް ވަޢުދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަލްޓީލޭޓްރަލް ލޯނު ދޫކުރާ ފަރާތްތަކާއި ޖަޕާނުން ވެސް އާންމުކޮށް ލޯނު ދެނީ އިޤުތިޞާދީ ހަރަކާތްތަކަށް ކުރިއެރުން ލިބޭނެ މަޝްރޫޢުތަކަށެވެ. ބަޖެޓް ސަޕޯޓް ލޯނުތައް ދެނީ ވަކި ޕްރޮގްރާމެއް އިސްލާހުކުރަން ކަމުގައި ވަނީ ނަމަ އެކަމެއް އިސްލާހު ކުރަންވާނީ އިޤުތިޞާދީ ހަރަކާތްތަކަށް ހުޅުވާލެވި ލިބޭ ކުރިއެރުންތަކުން ކުރިމަގުގައި ޓެކްސްތައް ނެނގި އިޤުތިޞާދު އިތުރަށް ފުޅާވެގެންދާނެ ގޮތަކަށެވެ.
އައިއެމްއެފްގެ ޕްރޮގްރާމް ކުރިޔަށް ދާން ފެށުުމުން ބޭންކުތަކަށް ވެސް ކްރެޑިޓް ލައިންތައް އަލުން ފެށުމަށް ނުވަތަ އިތުރުކުރުމަށް ފަސޭހަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.