ads
ރިނބުދޫއިން ފެނުނު ބޮލިވަޅު: ފޮޓޯ: ރިނބުދޫ ކައުންސިލް
ދުވަސްވީ ބޮޑު ބޮލި ވަޅެއް ރިނބުދޫ އިން ފެނިއްޖެ
ދ. ރިނބުދޫގެ މަގެއް ކޮންނަނިކޮށް ޒަމާންވީ ބޮޑު ބޮލިވަޅެއް ފެނިއްޖެ އެވެ.

އެރަށު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ވަޅު ފެނިފައިވަނީ، އެ ރަށު ސިއްހީ މަރުކަޒުގެ ދެކުނަށް އޮންނަ މަގު، ނަރުދަމާ ހޮޅި ވަޅުލުމުގެ މަޝްރޫއުގެ ދަށުން ކޮންނަމުން ދަނިކޮށް ކަމަށެވެ. 

މި ވަޅުގެ ފުޅާ މިނުގައި ދެ ފޫޓު އަދި ފުން މިނުގައި ތިން ފޫޓު ހުންނާނެ ކަމަށާއި، މި ވަޅުގަނޑު ފެނިފައިވާ ހިސާބަކީ މީގެ ކުރިން މީހުން ދިރިއުޅެފައި ނުވާ ސަރަހައްދެއް ކަމަށްވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. 

" މި ވަޅު ފެނުނު ހިސާބަކީ، މީގެ ކުރިން މީހުން ދިރިއުޅުނު ކަން އެނގެން ނެތް ހިސާބެތް. އަދި މި ސަރަހައްދުގެ މައުލޫމާތު އެނގޭ މީހަކުވެސް އަދި ދިމާނުވޭ." ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުން މިއަދު ފެނުނު ބޮލި ވަޅުގައި ގާތް ގަނޑަކަށް ދެހާސް ބޮލި ހުންނާނެ އެވެ. އަދި މިއީ އެރަށުން ފެނުނު ދެވަނަ ބޮލި ވަޅު ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

 

އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މި ބޮލިވަޅަށް މިހާރު ގަރުނަކަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އަދި ބޮލިވަޅު ފެނުނު ސަރަހައްދަކީ މީގެ ކުރިން ބޯކޮށް ވާ ހެދިފައި އޮތް ސަރަހައްދެއް ކަމަށްވެސް ރަށުގެ ބައެއް މީހުން ވަނީ ބުނެފަ އެވެ. 

ހެރިޓޭޖުން އަންގާފައިވަނީ ބޮލިތައް ނަގާ ރައްކާކުރުމަށްކަމަށާއި އެ މަސައްކަތް ކުރަމުން އަންނަކަމަށް ކައުންސިލްއިން ބުނެފައިވެ އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޮލިވަޅު ފެނުމުން އަމަލުކުރާނެ ގޮތް މިހާރު ކައުންސިލަށް އަންގާފައިވާނެ ކަމަށާއި އެގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް