ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އުރީދޫ އިން ފެށި މި މަސައްކަތުގެ ތެރެއިން މިފަހަރު ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒުގެ އިތުރުން އދ. މާމިގިލީ ސިއްހީ މަރުކަޒު ހިމެނެއެވެ.
ހެލްތް ކިޓްތައް ބެހުމަށް ހަމަޖެހިފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި ("ގްލޯބަލް ގޯލްސް") ކަމަށް ވާ "ގުޑް ހެލްތް އެންޑް ވެލްބީންގް" ހާސިލުކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއް ގާއއިމު ކުރުމަަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ. އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާ އަށް އާންމުކޮށް ބޭނުން ކުރާ މުހިންމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ.
އުރީދޫ އިން ބުނީ ސީއެސްއާރު ފޯކަސްގެ ގޮތުގައި މިއަހަރު، ހެލްތް އެންޑް ވެލްނެސް އަށް އެއްބާރުލުން ދީ ކުރިއެރުވުމަށް އިސްކަންދީގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށްފައިވަނީ ކޮވިޑްނަވާރައިގެ އާލަމީ ވަބާ އަށް ފަހު ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމުކަން އިތުރުވެފައިވާތީ ކަމަށެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ވެސް އެ ކުންފުނީގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އައި އުރީދޫ ކަލަ ރަން "އަޕްގްރޭޑް ޔޯ ވޯލްޑް" ކެމްޕެއިންގެ ދަށުން އުރީދޫ ފަން ރަން އަށް މިއަހަރު ބަދަލުކޮށްފައިވާ ކަމަށާއި ކޮންމެ 1 ކިލޯމީޓަރުގެ ސްޓޭޝަނުން ކުލަ ޖެހުމުގެ އިތުރުން މަޖާ އޮބްސްޓެކަލްތަކާއި ފެނާއި ފޯމް ހިމެނޭ އެންމެ އުފާވެރި 5ކޭ ރަން އެއްގެ ގޮތުގައި ރަން އަޕްގްރޭޑްކޮށްފައިވަނީ ދުވުން އިތުރަށް މަޖާކޮށް، ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.
ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން 2018 ވަނަ އަހަރު އުރީދޫ އިން ވަނީ ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފަ އެވެ.
ކޮވިޑްނަވާރައިގެ ޢާލަމީ ވަބާ އާއި ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތަޢުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށް ދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދީފައިވާކަން ވެސް އެ ކުންފުނިން ފާހަގަ ކުރެ އެވެ. އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ އިން ވަނީ ސަރުކާރަށް 2،5 މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ.
މުޖުތަމަޢުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، ކާރިސާގެ ވަގުތުތަކުގައި ޑިޖިޓަލް ޒަރިއްޔާާތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކާ ގުޅުވާލަދޭ، މުހިންމު މައުލޫމާތުތައް ލިބިގަތުން ފަހި ކޮށްދީ، ގޮންޖެހުންތަކުން އަރައި ގަތުމަށް މަގު ފަހިކޮށްދޭ ގާތް ބައިވެރިއެއް ގެ ގޮތުގައި އުރީދޫ ވާނެ ކަމަށާއި އެ ކުންފުނީގެ ގެ ތަސައްވުރާާއި އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫގެ ޕްލެޓްފޯމް ތަކާއި ވަސީލަތްތަކުގެ އެހީގައި، އީޖާދީ ޙައްލުތަކާ އެކު، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.