މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވާގޮތުން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މެދު ދިޔައިން ފެށިގެން 3 މީޓަރ ހަމަވާ ވަރަށް 17،900 ކިއުބިކް މީޓަރު އަށް މިހާރު ބޭނުން ކުރަމުންދާ ބަނދަރު ފުން ކުރުމަށާއި އަދި މެދު ދިޔައިން ފެށިގެން 3.5 މީޓަރ ހަމަވާ ވަރަށް 70،400 ކިއުބިކް މީޓަރު އަށް އާ ބަނދަރެއް ފުން ކުރުމަށެވެ. މީގެ އިތުރުން މެދު ދިޔައިން ފެށިގެން 4.0 މީޓަރ ހަމަވާ ވަރަށް 8،400 ކިއުބިކް މީޓަރު އަށް ނެރު ފުން ކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުގެ ތެރެއިން 213 މީޓަރު ނެރު ބްރޭކްވޯޓަ ޖަހައި، 360 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަ ޖެހުމާ އެކު 10 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. އޭގެ އިތުރުން 93 މީޓަރު ރިވެޓްމެންޓް ޖެހުމާއި 15 މީޓަރު ގްރޮއިން ޖެހުމާ އަދި 311 މީޓަރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި އަދި 311 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރު ކުރުމާ އެކު 121 އަކަ މީޓަރު ރޭންޕެއް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން އާ ހަވާލުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫޢުގެ ތެރެއިން އިތުރަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެކްސެސް ޕްލެޓްފޯމެއް އެޅުމާ އެކު 20x3 ކޮންކްރީޓް މީޓަރު އަދި 54x3 ކޮންކްރީޓް މީޓަރު ގެ ދެ ބްރިޖް އެޅުމާއި 130x2 މީޓަރު ކޮންކްރީޓް ޖެޓީ އެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށާއި މި މަޝްރޫއު ގެ ދަށުން ދެ ނެވިގޭޝަން ލައިޓް ހަރުކޮށް 42 މަގު ބައްތި ހަރު ކުރުމުގެ އިތުރުން 3،789 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަވާލުކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގައިވާގޮތުން 20 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމަން ޖެހެ އެވެ.
އެމްޓީސީސީ އާ މި މަސައްކަތް ހަވާލު ކުރުމުގެ ކޮންޓްރެކްޓް ގައި ސޮއިކޮށްފައި ވަނީ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމް އެވެ.