ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އާއެކު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އާއެކު އެ މިނިސްޓްރީން ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.
ސޮއިކުރި ކުންފުނިތަކުގެ ތެރެއިން ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އަކީ އިންޑިއާ ގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ޓަމިލްނާޑު ކުންފުންޏެކެވެ. އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އަކީ މިހާރު ވެސް ރާއްޖޭ ގައި ހަތަރު ރިސޯޓެއް ހިންގަމުން އަންނަ ކުންުފުންޏެކެވެ. އެއީ އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ޑްރީމްލޭންޑް - ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް/ސްޕާ އާއި ތުޅާގިރި އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ސަފާރީ އައިލެންޑެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއެކު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ އިތުރުން އިތުރު ދާއިރާތަކުން ވެސް ވިޔަފާރިތައް ވެސް ކުރަމުން އަންނަ ކުންފުންޏެކެވެ. މީގެ އިތުރުން ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއެކު މިނިސްޓްރީން ވަނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ.
އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރާނެ ފަރާތްތަކެއް ހޯދުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެއީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ރ. އަލިފުށި، ފ. މަގޫދޫ އަދި ތ. ވިލުފުށީ ގައި ތަރައްގީ ކުރާ އެއާޕޯޓްތަކެވެ.
އެ ފަހަރު މިނިސްޓްރީގެ ފަރާތުން ހުޅުވާލީ މުޅި އެއާޕޯޓު ތަރައްގީ ކުުރުމަށް ނުވަތަ ފައިސާ ދޭ ގޮތަށް ހުށަހެޅޭ ގޮތަށެވެ. އެއާޕޯޓެއް ތަރައްގީ ކުރުމަށް ހުށަހެޅޭނެ އެންމެ މަދު އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމުގައި ކަނޑައަޅައިގެން ކުރި އެ އިއުލާނަށް ލިބުނު ތަރުހީބު ކުޑަވުމުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ އޭގެ އިން ބައެއް ތަރައްގީ ކުރުމަށް ފައިސާ ހުށަހެޅޭގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި އެކަމަށް އެދި ހުށަހެޅޭނެ އަގު ވަނީ ފަސް މިލިއަނުން ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.