ads
ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުމަށް ވޯލްޑްބޭންކުގެ ތައުރީފު
ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތައުރީފް ކުރައްވަމުން، ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.

ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން ތަކުރާރުކުރައްވާފަ އެވެ.

މާލޭގައި ރައިސާވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ، ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި ރައިސާ ވަނީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވޯލްޑް ބޭންކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށް ގެންނަމުންދާ ގޮންޖެހުންތައް ބޮޑު މާލީ އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މާލިއްޔަތު އާރާސްތުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން މި ފަހުން ޓެކްސް ބޮޑުކޮށްފައިވާތީ އެކަމަށް ސަރުކާރަށް ތައުރީފްކުރެއްވި އެވެ.

"ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. އަދި ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައި. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ،" މާޓިން ރައިސާ ވިދާޅުވި އެވެ. "ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް."

ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި ފަސް މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައިސާ ވަނީ ދިވެހި ސަރުކާރުގެ އިސް ވެރިންނާ އެކު ބައިވެރިވެވަޑައިގެންފަ އެވެ.

މި މަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވެގެންދާނެ އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް ރައިސާ ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭން ބޭރުގައި ރައިސާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ޒިޔާރަތްކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް