ރ. ދުވާފަރު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ނަޒީމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމީ މިއަދުއެވެ.
އޭނާގެ ކެންޑިޑެސީ އިލެކްޝަންސްއިން ބަލައި ނުގަތީ އިންތިހާބުގައި ވާދަކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އޭނާގެ ނެތް ފުރިހަމަ ނުވާކަމަށް ބުނެއެވެ. އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސްއިން ނިންމީ، އިންތިހާބުގައި ވާދަކުރާއިރު ފުރިހަމަ ކުރަން ޖެހޭ ފޯމް ފުރިހަމަ ކުރިއިރު، އޭނާގެ ދަރަނީގެ ތަފްސީލްގެ ތެރެއިން ސިވިލް ކޯޓާ ފެމިލީ ކޯޓުން ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ނެތް ކަމަށް ބުނެއެވެ. އެހެންނަމަވެސް އެ މައުލޫމާތު ނެތީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ އޮޅުމަކުންކަން އެނގި ފަހުން އެ މައުލޫމާތު ހިމަނައި އިލެކްޝަންސްއަށް ހުށަހެޅުމުންވެސް އިލެކްޝަންސްއިން އެ ފޯމް ގަބޫލު ނުކުރިއެވެ. އެހެންކަމުން އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ނަޒީމްގެ ކެންޑިޑެސީ ބަލައި ނުގަތުމުން އިލެކްޝަންސްއިން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ބެލީ ފަނޑިޔާރު ސުއޫދު، ޝުޖޫން އަދި މަހާޒްއެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު، އިލެކްޝަންސްއިންވަނީ ނަޒީމްގެ ކެންޑިޑޭސީ ބަލައިގަނެ، ނަންތައް ތަރުތީބުކޮށްފައެވެ. ނަޒީމްއާއެކު މި އިންތިހާބުގައި ވާދަކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓަކާ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ.
ދުވާފަރު ކައުންސިލްގެ އެއް ގޮނޑީގެ ބައި އިލެކްޝަނަށް ތައްޔާރުވެފައިވާއިރު، އެ ކައުންސިލްގެ ދެން ތިބި ހުރިހާ މެންބަރުން ތިބީ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައެވެ.