މާމެންދޫއަށް ރަށްގިރުމުގެ މައްސަލަ އެންމެ ފަހުން ދިމާވާންފެށީ 2015 ވަނަ އަހަރުންފެށިގެން ނެވެ. އަދި ރަށުގެ އުތުރުކޮޅުން ގިރަމުންއަންނަ މިންވަރު 2018 ވަނަ އަހަރުންފެށިގެން ވަނީ ވަރަށްބޮޑަށް އިތުރުވެގެންގޮސްފަ އެވެ. މިގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 250 ނުވަތަ 300 ވަރަކަށް ފޫޓުގެ ސަރަހައްދެއްވަނީ އެރަށުން ގިރައިގެންގޮސްފަ އެވެ.
މިއަދު މާމެންދޫ ކައުންސިލުން ”ސީއެންއެމް“ އަށް މައުލޫމާތު ދިން ގޮތުގައި، ރަށްގިރުމުގެ މައްސަލަ ބޮޑުވާންފެށުމުން އެމައްސަލަ ސަރުކާރުގެ ކަމާގުޅުންހުރި މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފަ އެވެ. އެގޮތުން ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކަށާއި އެކި ފެންވަރުގެ ވެރިންނަށް ރަށްގިރުމާ ގުޅޭ މައުލޫމާތު އެކިފަހަރުމަތިން ހިއްސާކުރެވިފައި ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެގޮތުން 10 މާރިޗް 2021 ގައި ކުރީގެ އެންވަޔަރަންމަންޓް މިނިސްޓްރު ޑރ.ހުސައިން ރަޝީދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ގިރާސަރަހައްދު ވަނީ ބައްލަވާލައްވާފަ ކަމަށާއި، އަދި އެ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވަމުންދާކަމަށް ވިދާޅުވެ އުންމީދީ ވާހަކަތަކެއް ރައްޔިތުންނާއި ހިއްސާކުރެއްވި ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް މިއަދާހަމައަށްވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާކަން ކައުންސިލުން ފާހަގަކުރި އެވެ.
މާމެންދޫ ކައުންސިލުން ދެކެނީ މި ސަރުކާރަކީ ރައްޔިތުންނާ ދިމާވެފައިވާ އެފަދަ މައްސަލަތަކަށް އަވަސް ހައްލު ހޯއްދަވާދެއްވާފައިވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރަށުގެ ކުރިއަށް އޮތް 2023 ވަނަ އަހަރާއެކު ރަށުގެ ގިރާސަރަހައްދު ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދިއުން އެއީ އެކައުންސިލުގެ އުންމީދެކެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މާމެންދޫގެ އުތުރުކޮޅަކީ ރަށުގެ އާބާދުވެފައިވާ ސަރަހައްދުކަމުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގިނަ ގެތަކުގެ ވަޅުފެން ވަނީ ލޮނުވެފަ އެވެ. އޭގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ބައެއްފަރާތްތަކަށް ސިއްހީ މައްސަލަތައް ދިމާވެ ގޯތިތަކުގައި ހައްދާފައިހުރި ބައެއް މޭވާ ގަސްތައް ވަނީ މަރުވެފަ އެވެ.
މީގެ އިތުރުންވެސް ގޭގައި ހިފާގެންގުޅޭ ސާމާނުފަދަ ތަކެތި އަވަހަށް ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތައް ބޭނުންވަނީ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުވުމަށެވެ.