ads
އެޑިއުކޭޝަން މިނިސްޓަރު
ތުހުމަތުވާ މުވައްޒަފު މިނިސްޓްރީއަށް ބަދަލުކުރީ ޕްރޮމޯޝަނަކަށް ނޫން މައްސަލަ ދަނީ ބަލަމުން
ގާޒީ ސްކޫލުގައި ފައިސާ ބެލެހެއްޓުމުގެ ކަންކަން މާލިއްޔަތު ގަވާއިދާއި ހިލާފުކަން ފާހަގަކުރެވިގެން އެމައްސަލަ ބަލަމުންދާ ކަމަށާއި، ތުހުމަތުވާ މުވައްޒަފަކު މިނިސްޓްރީއަށް ބަދަލުކުރީ ޕްރޮމޯޝަނެއްގެ ގޮތުގައި ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ގާޒީ ސްކޫލުގައި ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބޮޑުވެފައިވާތީ، އެފަދަ މުވައްޒަފުންނަށް މިނިސްޓްރީން ފިޔަވަޅު ނާޅާކަމަށް ބުނެ އެ ސްކޫލު ޓީޗަރުން މިއަދު ވަނީ އިހްތިޖާޖު ކޮށްފަ އެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ގާޒީ ސްކޫލުގެ އެކި ކަންކަމާއި ގުޅިގެން ހުށަހެޅުނު ޝަކުވާތައް މިނިސްޓްރީން ބެލިއިރު ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހެދި އޮޑިޓުން މާލިއްޔަތު ގަވާއިދާއި ހިލާފަށް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވުނު ކަން މިނިސްޓްރީން ފާހަގަކުރި އެވެ. 

އަދި އެމައްސަލާގެ ރިޕޯޓު ނިމިފައިވަނިކޮށް، ސްކޫލުގެ ދެ މުވައްޒަފަކާއި ގުޅޭ ފޯޖުކުރުމުގެ މައްސަލައަކާއި، ސްކޫލަށް ލިބުނު ޓީވީއެއް މުވައްޒަފަކު ގެއަށް ގެންދިޔަ މައްސަލައެއް ހުށަހެޅި، އެމައްސަލަތައް ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަތައް ފެންމަތިވެފައިވަނިކޮށް  އެމައްސަލަތަކާއި ގުޅިގެން ތުހުމަތުކުރެވޭ އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓުމެންޓަށް ބަދަލުކޮށްފައިވަނީ، ސިވިލް ސާވިސްގެ ގަވާއިދާއި އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެބަދަލު ގެނެސްފައިވަނީ، ސިވިލް ސާވިސް ގަވާއިދުގައި ބުނާ، ”އިދާރީގޮތުން ގެނެވޭ ބަދަލެއްގެ ސަބަބުން ސަރުކާރު އޮފީހެއްގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެ ކަމަށް މިނިސްޓަރަށް އިސްވެރިއަކަށް ގަބޫލުކުރެވުން “ މި މާއްދާއަށް ރިއާޔަތް ކޮށް ކަމަށް މިނިސްރީގެ ބަޔާނުގައި ވެއެވެ. 

މިނިސްޓްރީން ބުނީ، އެމައްސަލާގައި ކުރިއަށްދަނީ މުވައްޒަފު ޖަވާބުދާރީ ކުރެވުމުގެ މަރުހަލާ ކަމުން، ސްކޫލުގެ އެޑްމިނިސްޓްރޭޓިވްގެ މަގާމުގައި އެފަރާތް ހުރުމަކީ އެކަމުން ސްކޫލަށް އިތުރު މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރެވިގެން އެ ބަދަލު ގެނައީ ސްކޫލުގެ ޕްރިންސިޕަލަށް ފޯނުން ގުޅައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

”އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓުމެންޓަކަށް ވަގުތީގޮތުން ބަދަލުކުރެވުނީ ދެވުނު ޕްރޮމޯޝަނެއްގެ ގޮތުގައެއް ނޫނެވެ. އަދި އެފަރާތުގެ ވަޒީފާ މިނިސްޓްރީއަށް ބަދަލު ކުރުމުގެ ގޮތުގައެއް ނޫނެވެ. “މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެެއެވެ.

އެ މުވައްޒަފު މިނިސްޓްރީގެ މަގާމަކަށް ބަދަލުކުރީ މިމަހުގެ ހަވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ހުރީ މިނިސްޓްރީގެ ކޮން މަގާމެއްގައި ކަމެއް މިނިސްޓްރީން ސާފުކޮށެއް ނުދެ އެވެ. އޭނާގެ މައްސަލަތަކުގެ ތެރޭގައި، ސްކޫލަށް ލިބުނު ޓީވީއެއް ގެއަށް ގެންދިޔަ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް