ads
ރިލްވާން މަރާލާފައިވަނީ ދުރާލާ ރާވައިގެން އެތަށް މަސްްތަކެއް ވަންދެން ފާރަލުމަށްފަހު---
ޝަހާދަތްލައިދީ ކަރުބުރިކޮށް ރިލްވާން މަރާލި 6 މީހަކު ސީރިއާއަށް ދިޔަފަހުން ވަނީ މަރުވެފައި
ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ޝަހާދަތްލައިދީ ކަރުބުރިކޮށް މަރާލީކަމަށާއި، އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި ހަ މީހަކު ސީރިއާއަށް ދިޔަފަހުން މަރުވެފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ވަނީ އަރުވާފަ އެވެ. އެޔަށްފަހު މިއަދު ކޮމިޝަނުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނިގޮތުން ރިލްވާނަށް ޝަހާދަތް ލައިދީ ކަރުބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ. 

ކޮމިޝަނުން މިއަދު ބުނިގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ 10:00 ޖެހިއިރުން ފެށިގެން ބަޔަކު ރިލްވާން އަށް ފާރަލަމުންދިޔަ އެވެ. ދެމީހަކު ވެގެން ގަދަކަމުން ރިލްވާން ކާރަށް އެރުވީ އޭނާ ގެއަށް ދިޔަ މަގުމަތީ ހުޅުމާލެއިން ނެވެ. އެ ކާރުގައި ތިން މީހުން ތިބިއިރު ކާރުގެ ފަހަތުން ތިން މީހަކު ސައިކަލުގައި ދިޔަ އެވެ. 

ކާރުގައި ގަދަކަމުން ގެންގޮސް ދެން ރިލްވާން އަރުވާފައިވަނީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވާފައިވާއިރު، އެ ދޯނީގައި ކަލިމަލައިދީ ކަރުބުރިކޮށް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނިގޮތުން އެއީ ހަ މީހެކެވެ. އަދި އެ ހަ މީހުންވެސް ސީރިއާގައި މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. 

ރިލްވާން ގެއްލުވާލުމުގެ ކުރިން އެތައް ބަޔަކަށް އިންޒާރުދީ، ރިލްވާންގެ މައުލޫމާތު ހޯދުމަށްވެސް އެތައް ދުވަހެއް ވަންދެން އެމީހުން މަސައްކަތްކޮށްފައި ވާކަން ކޮމިޝަނުން ފާހަގަކުރި އެވެ. އަދި އެކަން އޭރު ފުލުހުންނަށްވެސް އެނގޭ ކަމަށާއި، ވަކި މަގުސަދެއް އޮވެގެން ބަޔަކު "ސީދާ މަރަން ނުވަތަ ހުއްޓުވަން" ނިކުމެ އުޅޭ ބަޔަކު އުޅޭކަން ވަރަށް ސާފުކޮށް މައުލޫމާތުތައް ފުލުހުންނަށް ލިބެމުންދިޔަ ކަމަށް ކޮމިޝަނުން ބުންޏެވެ.  

ކޮމިޝަނުން ބުނިގޮތުން، 2014 ވަނަ އަހަރުތެރޭ ކުށްކުރާ ގެންގުތަކުގެ ބާރާއި ނުފޫޒު ވަރަށް ބޮޑެވެ. ރިލްވާން ނުރައްކާތެރި ބައެއްގެ ޝިކާރައަކަށްވީ، 2011ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު މާލޭގެ އާޓިފިޝިއަލް ބީޗުގައި ބޭއްވުނު ހިމޭން މުޒާހަރާއަށް ފަހު އެވެ. ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާއި ދެމެދު ހިނގަމުންދިޔަ ކުރިމަތިލުންތަކުގެ ފެށުމަކީ އެ މުޒާހަރާ ކަމަށާއި، އެދުވަހު އެމުޒާހަރާގެ ފޮޓޯ ނެގިމީހުންނާއި އެތަނުގައި ހަރަކާތްތެރިވި އެހެން މީހުންނަށްވެސް އިންޒާރުދީ، ފަހުންވެސް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. 

އެދުވަސްވަރު ރިލްވާން ލިޔަމުންދިޔަ އާޓިކަލްތަކުގައި ހަރުކަށި ފިކުރުގެ މީހުންނަށް ނިސްބަތްވާ ބައެއް ވާހަކަތައް ހުރުމާއި، ސޯޝަލް މީޑިއާގައި އެކި ހިޔާލުތައް ފާޅުކުރަމުންދިއުމުގެ ނަތީއެއްގެ ގޮތުން އެފަދަ މީހުންގެ ޓާގެޓުގެ އެންމެ ކުރީގައި ރިލްވާން ހިމެނުނު ކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ. އަދި އޭރު ގުރޫޕު ހަދައިގެން ގިނަ އަދަދެއްގެ މީހުން އެކަހެރި ތަންތަނަށް ގެންގޮސް އިންޒާރުދީ އަނިޔާކޮށް ހެދުމުގެ ކަންކަންވެސް ގުރޫޕުތަކުން ކުރަމުންދިޔަ ކަމަށް ކޮމިޝަނުން ފާހަގަކުރި އެވެ. އެގޮތުން މާލޭގެ އެކަހެރި ތަންތަނަށް އެކި މީހުން ގެންގޮސް 50 ވަރަކަށް މީހުން އެމީހަކު ވަށާލައި އިންޒާރުދީ ބިރުދެއްކުމުގެ ކަންކަން ކޮށްފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. 

އެގޮތަށް މީހުންނަށް އިންޒާރުދީ ބިރުދެއްކުމަށް އެގުރޫޕުތަކުން ގެންދިޔަ ގިނަ މީހުން ކައިރީ "މޮޔަމީހާ" އަކީ ކާކުތޯ ސުވާލުކޮށް އޭނާގެ މައުލޫމާތު ހޯދުމަށް މައްސަކަތްކޮށްފައިވާ ކަން ތަހުގީގަށް އެގިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. "މޮޔަމީހާ" އަކީ ރިލްވާން ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދިޔަ ނަމެވެ. 

ކޮމިޝަނުން ބުނިގޮތުން ރިލްވާން ގެއްލުވާލުމުގެ ކުރިން ރިލްވާންގެ މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދިޔަކަން ފުލުހުންނަށްވެސް އޮތީ އެގިފަ އެވެ. އަދި އޭނާ ގެއްލުވާލުމުގެ ދުވަސްކޮޅެއް ކުރީން އެމީހުންނަށް އެމައުލޫމާތު ހޯދިފައިވާކަން ފުލުހުންނަށް އެގުނުކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ. 

ކޮމިޝަނުން ބުނިގޮތުން ރިލްވާނަށް ބައެއްގެ ނުރައްކާ އޮވެގެން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ހަތަރު މަސްވަންދެން ގެންގުޅެފައި ވެއެވެ. ރިލްވާން ގެއްލުނީ، ފޯނު އަބުރާ ރިލްވާން އާއި ހަވާލުކުރިތާ 17 ދުވަސް ފަހުން ނެވެ. 

14%
ކަމުގޮސްފި
53%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް