މި ކުޑަކުޑަ ރާއްޖެވެސް ވަނީ ރިޝްވަތާއި ރިބާގެ ވަބާގައި ޖެހިފައިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރިޝްވަތާއި ނާޖާއިޒް ފައިދާއާއި ކޮރަޕްޝަނާއި ހިޔާނާތުގެ ނުބައި އަމަލުތައް މުޖުތަމައުގައި ގިނަވެ، އެއީ ވަރަށް އާދައިގެ ކަމަކަށް ދިވެހީން ހަދާފައިވާ ކަމަށެވެ.
ނަމަވެސް އެއީ އަހަރެމެން ހީކުރާވަރަށްވުރެ ނުބައިކަން ބޮޑުވެގެންވާ ގަދަފަދަ އަޒާބު ލިބެނެވި މާތްﷲ ލައުނަތްލައްވާފައިވާ ބޮޑު ފާފައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ވަގުތީ އުފަލާއި ޖާހަށް ރިޝްވަތު ހިފާ މީހާއާއި ދޭ މީހާގެ ދާއިމީ ތަނަކީ ނަރަކަ ކަމަށެވެ.
އެފަދަ މީހުންނާއި އެމީހުންގެ އަނބިދަރީންގެ ގައިގާ ޖަހާ މަހަކީ ނަރަކައަށް ހައްގު މަސްގަނޑެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނިގޮތުން ރިޝްވަތުގެ ތެރެއިން ލިބޭ މަންފާއެއްގެ ސަބަބުން ވަގުތީ އުފަލެއް ލިބުނަސް، ރިޝްވަތު ދޭ މީހާއާއި، ހިފާ މީހާއާއި، އެކަމުގެ މެދުވެރިއަކަށްވާ މީހާއަށްވެސް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
ހުތުބާގައި ބުނިގޮތުން މާތްﷲގެ ހުކުމްފުޅުތައް ގާއިމުވެ ނުދިނުމަށް ދެވޭ ކޮންމެ އެއްްޗަކީވެސް ރިޝްވަތެކެވެ. އަދި ޒިނޭއާއި، މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ކުށްތަކުގައި ތުހުމަތުކުރެވި ބަންދުކުރެވޭ މީސްމީހުންގެ އަތުން ދެވޭ އެއްވެސް އެއްޗެއް ބަލައިގަތުން ހުއްދައެއް ނުވާނެ އެވެ.
އަދި ސަރުކާރުގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެކިއެކި މަންފާތައް ހޯދުމަށް ދެވޭ ކޮންމެ އެއްޗަކީ އެޔަށް ކޮންމެ ނަމެެއް ކިޔަސް ރިޝްވަތު ކަމަށް ހުތުބާގައި ބުންޏެވެ.