ads
މާލެ އަތޮޅުގައި އޮންނަ ގިރާވަރު ފަޅު އަދި ތިލަފުށި ހިމެނޭ ތިލަފަޅު.
ގިރާވަރުފަޅު ތަރައްގީ ކުރުމަށް ފައިސާ ހޯދަނީ
މާލެ އަތޮޅު ގިރާވަރުފަޅު ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާނުކޮށްފި އެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހުޅުވާލާފައިވަނީ ގިރާވަރު ފަޅުގައި ގެދޮރުވެރިކުރުވުމަށް "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށެވެ. 

ކްރޮސް ސަބްސިޑީ އުސޫލުން، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވާލާފައިވާއިރު، ގެޒެޓުގައި ޝާއިއުކޮށްފައިވާ ފޯމް މެދުވެރިކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށައެޅޭނެ އެވެ. 

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގިރާވަރު ފަޅު ހިއްކާ އެ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ބޯހިޔާވަހިކަމަށް އަމާޒުކޮށް މާލެ ސަރަހައްދުގައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުގެ ފަރާތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ގިރާވަރު ފަޅުން ހިއްކާ ބިން ހާއްސަކުރާނީ ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގުމަށެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް މި ސަރަހައްދުން 5،000 ގޯތި ދޫކުރާނެ ކަމަށެވެ. އެއީ ހުޅުމާލެއިން 1،000 ބިމާއި ގުޅީފަޅުން 2،000 ބިން އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން 2،000 ގޯއްޗެވެ.

"އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކައި އެބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ހުޅުމާލެ އަދި ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 3،000 ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ. ސެޕްޓެމްބަރު މަހަށް މުއްދަތު ހަމަވިއިރު، 15،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި ބިންތައް ލިބުނު މީހުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ސަރުކާރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް